06 މާޗް 2017 - 15:53

ޝަމްވީލް ގާސިމް (ބޮންޑާ) އަށް މިވަނީ އެހެން ކުޅުންތެރިޔަކަށް ނުލިބޭ ޝަރަފެއް ލިބިފަ އެވެ. ގައުމީ ޓީމާ އެކު އަދި ކްލަބް ލެވެލްގައި ބައިނަލްއަގްވާމީ ތަށްޓެއް ހޯދި ހަމައެކަނި ދިވެހި ކުޅުންތެރިޔާގެ ޝަރަފެވެ. ގައުމީ ޓީމާ އެކު 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް އަދި ޓީސީ ސްޕޯޓްސް ކްލަބާ އެކު ޝެއިހް ކަމާލް ގޯލްޑް ކަޕް އުފުލާލި ބޮންޑާ ބުނީ ދެ ކާމިޔާބީގައި ވެސް ހިއްސާވެވުނީތީ ވަރަށް ބޮޑަށް އުފާވާ ކަމަށާއި އެކަމަކު ޓީސީގެ ކާމިޔާބީ އެތައް ގޮތަކުން ހާއްސަ ކަމަށެވެ.
"މި ދެ ކާމިޔާބީ އަކީ ވެސް ވަރަށް ބޮޑު ދެ ކާމިޔާބީ. ވަރަށް ފަހުރުވެރިވޭ ދެ ލެވެލެއްގައި ތަށި ހޯދުނީތީ. އެކަމަކު ޓީސީގެ ކާމިޔާބީ ވަރަށް ހާއްސަ،" ބޮންޑާ ބުންޏެވެ.
އެއީ ކީއްވެ ހެއްޔެވެ؟
ބޮންޑާ ބުނީ ޓީސީ އަކީ ތަޖުރިބާ މަދު އަދި ފުޓްބޯޅައަށް ވަރަށް އާ ޓީމެއް ކަމަށާއި މިފަދަ ޓީމަކަށް ބައިނަލްއަގްވާމީ ތަށްޓެއް ހޯދުމަކީ ބަޔަކު ކުރާނެ އުއްމީދެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖޭން 2008 ގައި ސާފް ޗެމްޕިއަންޝިޕް ހޯދީ، ތަށީގައި އަތްލެވޭ ހިސާބަށް އެތައް ފަހަރަކު އައިސް އޭގެ ތަޖުރިބާތައްކޮށްފައި ކަމަށް ބޮންޑާ ބުންޏެވެ.
"ޓީސީން ހަގީގަތުގައި މިކުރީ އެންމެ އުނދަގޫ މަސައްކަތް. ރާއްޖޭ އޭރު އޮތް ފެންވަރަށް ބަލާއިރު ސާފް ޗެމްޕިއަންޝިޕް ހޯދުމަށް ކުރަން ޖެހޭ މަސައްކަތަށް ވުރެ ޓީސީ އޮތް ހާލަތަށް ބަލާއިރު ބައިނަލްއަގްވާމީ ތަށްޓެއް ހޯދަން ކުރަން ޖެހުނު މަސައްކަތް ބޮޑު. އެހެންވެ މި ކާމިޔާބީ އަހަންނަށް ވަރަށް ހާއްސަ،" ބޮންޑާ ބުންޏެވެ.
އޭނާ ބުނީ މި އުނދަގޫ، ބުރަ މަސައްކަތް ޓީސީ ފަދަ އާ ޓީމަކުން ހާސިލްކުރުމުގެ ފަހަތުގައި އޮތީ އެކުވެރިކަމާއި އެއް އާއިލާއެއްގެ ގޮތުގައި ކުރި މަސައްކަތް ކަމަށެވެ.
"މިއީ އަހަރެން ވަރަށް ބޮޑަށް ފާހަގަކުރާ ކަމެއް. މި ޓީމުގެ ތެރޭގައި އޮތް ގުޅުމާއި އެންމެން އެކައްޗެއް ކިޔައިގެން ބުރަކޮށް މަސައްކަތްކުރި ކުރުން، ކާމިޔާބީގެ ސިއްރަކީ،" ބޮންޑާ ބުންޏެވެ.
އައްޑޫގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ބޮންޑާ އަކީ އައްޑު އަތޮޅުގެ ވިޔަފާރިވެރިންތަކެއް 2001 ގައި އުފެއްދި އައިއެފްސީން ތައާރަފްވި ކުޅުންތެރިޔެކެވެ. ސާފް ޗެމްޕިއަންޝިޕުގައި 2005 ވަނަ އަހަރު ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ފުރަތަމަ އެގާރައަށް ޔޮރްދާން ސްޓޮއިކޯފް އޭނާ ނެރުމުން ގިނަ ބަޔަކު ހައިރާންވި އެވެ. އެކަމަކު އެ މުބާރާތުގައި ދެއްކި ކުޅުމާ އެކު ގިނަ ބަޔެއްގެ ތައުރީފް ހޯދައި ގައުމީ ޓީމުގެ މަގާމް ކަށަވަރުކުރި އެވެ.
އައިއެފްސީ އަށް ފަސް އަހަރު ކުޅެ އަދި ކެޕްޓަންކަންކޮށް 2007 ގައި ނިއު ރޭޑިއަންޓަށް ބަދަލުވެ ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އެ ކްލަބާ އެކު އެ އަހަރުގެ އެފްއޭ ކަޕް މިލްކުކުރިއިރު ފަހުން ވެސް ދެ ފަހަރެއްގެ މަތިން ނިއު އަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. ވެލެންސިއާ އާއި ވީބީ ސްޕޯޓްސް އަށް ވެސް ކުޅުނު ބޮންޑާ މިދިޔަ އަހަރު ޓީސީއާ ގުޅުނީ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ރަށުގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެވެ. އެކަމަކު އެ ދުވަސްވަރު ވެސް މިނިވަން ޗެމްޕިއަންޝިޕުގައި ބޮންޑާ ޖާދޫ ދެއްކި އެވެ.
ޓީސީއާ ގުޅި އެ ޓީމުގެ ޒުވާން ކުޅުންތެރިންގެ ބޮޑު ހިތްވަރަކަށް ބޮންޑާވި އެވެ. މިދިޔަ އަހަރު ރާއްޖޭގެ ތިން މުބާރާތުގެ ދެ ވަނަ މަގާމް ޓީސީ ހޯދިއިރު ބޮންޑާގެ ހުނަރާއި ތަޖުރިބާގެ ބޭނުން ކޯޗު މުހައްމަދު ނިޒާމް ވަރަށް ބޮޑަށް ހިފި އެވެ.