06 މާޗް 2017 - 17:08

ވާހަކަދެއްކުމުގެ 32 ވަނަ ގައުމީ މުބާރާތް ރޭގައި ފަށައިފި އެވެ.
އަލްމަރްހޫމް އިބްރާހިމް ޝިހާބުގެ ވާދައިގެ ތައްޓަށް ދިވެހި ބަހުގެ އެކަޑެމީން ބާއްވާ މި މުބާރާތުގައި އެކި ސްކޫލްތަކާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ އާއި މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީގެ އިތުރުން ތަފާތު ކޮލެޖުތަކުން 300 އެއްްހާ ދަރިވަރުން ބައިވެރިވެ އެވެ.
މުބާރާތުގެ ވާހަކަދެއްކުން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް އިސްލާމިކް ޔުނިވާސިޓީގައި ކުރިއަށް ގެންދާނެ އެވެ.
އެކަޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ މިއީ ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގައި އެންމެ ގިނަ ދަރިވަރުން ބައިވެރިވި އަހަރު ކަމަށެވެ. މުބާރާތުގައި ބައިވެރިވި ސްކޫލުތަކުގެ އަދަދު ވެސް މިދިޔަ އަހަރަށް ވުރެ އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޝްރަފް ވިދާޅުވި ގޮތުގައި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަަހަރަށް އަންނަނީ އިތުރުވަމުންނެވެ. އޭގެ މާނަ އަކީ ދިވެހި ބަހާއި އަދަބިއްޔަތަށް ދޭ ސަމާލުކަން އިތުރުވުން ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މީގެ ކުރިން ރަށްރަށުގެ ސްކޫލުތަކުގެ ބައިވެރިވުން އެހާ ބޮޑެއް ނޫން. އެކަމަކު މިއަހަރު ބައިވެރިވި ރަށްރަށުގެ ސްކޫލުތައް ވެސް ވަނީ އިތުރުވެފައި. ފާއިތުވި ފަސް އަހަރަށް ބަލާލާއިރު، މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އަންނަނީ އިތުރުވަމުން،" އަޝްރަފް ވިދާޅުވި އެވެ.
ތިން އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތް ބާއްވާނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ކޮންމެ އުމުރު ފުރާއަކުން ވެސް އެންމެ މޮޅު 10 ދަރިވަރަކު ކަނޑައަޅާއިރު، ވަނަތައް ހޮވާނީ އެ ދަރިވަރުންގެ މެދުގައި ބާއްވާ ބުރުންނެވެ.