14 ޖޫން 2016 - 13:56

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އުމުރު ހަގު ކުރައްވައި އައިޑީ ކާޑު ބަދަލުކުރެއްވި ކަމަށް ބުނާ މައްސަލަ ނުބަލައި، އެ މައްސަލަ ފުލުހަށް ހުށަހެޅުމަށް އޭސީސީން އަންގާފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އެ މައްސަލަ އޭސީސީ އަށް ހުށަހެޅި ފަރާތަށް އެ ކޮމިޝަނުން އަންގާފައި ވަނީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ފުލުސް އޮފީހަށް ހުށަހަޅައިގެން އެކަން ކުރިއަށް ގެންދިއުމަށެވެ. އޭގެ ސަބަބެއް ކަމަށް އޭސީސީން ބުނި ކަމަށް ވަނީ އުމުރު ހަގުކޮށް އައިޑީ ކާޑެއް ހެދުމަކީ ފޯޖަރީގެ މައްސަލައަކަށް ވާތީ، އާ ގާނޫނުލް އުގޫބާތުގެ ދަށުން އެކަން އެ ކޮމިޝަނަށް ބެލޭނެ ގޮތެއް ނެތުން ކަމަށެވެ.
ނަމަވެސް ނުފޫޒު ބޭނުންކޮށްގެން ގާނޫނީ ލިޔުންތަކަށް ބަދަލު ގެނައުމުގެ މައްސަލަތައް އޭސީސީ އަށް ނުބެލޭނެ ކަމަށް ނުވަތަ އެ ފަދަ މައްސަލަތައް ބަލަންޖެހޭނީ ހަމައެކަނި ފުލުހުން ކަމަށް ވެސް ގާނޫނުލް އުގޫބާތުގައި ބުނެފައެއް ނުވެ އެވެ.
ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ އޭސީސީ އަށް ހުށަހެޅީ ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާ ހޯއްދެވި ކަމަށް ތުހުމަތުކޮށެވެ.
މި މައްސަލާގައި އޭސީސީން އެއްވެސް ވާހަކައެއް ނުދެއްކި އެވެ.
ފަނޑިޔާރު އަލީ ހަމީދުގެ އުމުރަށް ބަދަލު ގެނެސް އާ ޕޯސްޕޯޓަކާއި އާ އައިޑީ ކާޑެއް ހެދިކަން މީގެ ދުވަސްގަނޑެއް ކުރިން ހާމަވީ ކުރިން ހެދި ޕޯސްޕޯޓަކާއި އަޑީ ކާޑާއި ފަހުން ހެދި ޕާސްޕޯޓާއި އައިޑީ ކާޑުގެ ކޮޕީތަކެއް ސޯޝަލް މީޑއާގައި ލީކުވުމުގެ ސަބަބުންނެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ސީއެންއެމް އިން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑިސެމްބަރު، 5، 2008 ގައި ދޫކުރި ޕާސްޕޯޓްގައި އަލީ ހަމީދުގެ އުފަން ތާރީހުގެ ގޮތުގައި އޮތީ އޮކްޓޯބަރު، 14، 1958 އެވެ. އެކަމަކު އޭގެ ފަސް އަހަރު ފަހުން، 2013 ގައި ދޫކުރި ޕާސްޕޯޓުގައި އޭނާގެ އުފަން ތާރީހަކަށް އޮތީ، ހަ އަހަރު ހަގުކޮށް، ސެޕްޓެމްބަރު، 25، 1964 އެވެ.
އަލީ ހަމީދުގެ އުފަން ދުވަހުގެ ގޮތުގައި ސުޕްރީމް ކޯޓުގެ ވެބްސައިޓުން މިހާރު ފެންނަނީ ސެޕްޓެމްބަރު 25، 1964 އެވެ.
ސީއެންއެމުން ބުނެފައިވާ ގޮތުގައި އަލީ ހަމީދުގެ އުމުރު ހަގު ކުރި ކަމަށް ބުނާ ލިއުންތަކުން ބަލާއިރު، އޭނާގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ އާއި އޭނާއާ އުމުރުގެ ފަރަގަކީ އެންމެ 45 ދުވަހެވެ.