ރައްޔިތުންގެ ހިޔާލު ހޯދުމުގެ މާއްދާ އިސްލާހު ކުރަން ވެސް ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ގޮތް ހަދަނީ
ރައްޔިތުންގެ ހިޔާލު ހޯދުމުގެ މާއްދާ އިސްލާހު ކުރަން ވެސް ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ގޮތް ހަދަނީ

ގާނޫނުއަސާސީގެ މުހިންމު މާއްދާތަކަށް އިސްލާހު ގެންނަން ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ކަމަށް ބުނާ މާއްދާ އިސްލާހު ކުރަން ވެސް ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި އެވެ.

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ އަންނަނިވި މާއްދާތަކަށް އިސްލާހެއް ގެންނަން މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސް ތަސްދީގު ކުރަން ވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކުން އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ. އެއީ؛

1. ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމެނޭ ބާބު.

2. ރައްޔިތުންގެ މަޖިލީހުގެ އުމުރު.

3. ރިޔާސީ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތް.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ 262 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް 4 ވަނަ ނަމްބަރެއް ވެސް އިތުރު ކުރަން ހުށަހަޅައިފަ އެވެ.

އެއީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އެވެ. އެގޮތަށް އިސްލާހު ކުރުމުން ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭނެ ކަމަށް ބުނާ މާއްދާ އަށް ވެސް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ ރުހުން ލިބިގެންނެވެ.

ރިފަރަންޑަމް މާއްދާ އަށް އިސްލާހެއް ގެންނަން ހުށަހަޅާފައިވާ އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ ބައެއް ކަންކަމުގައި ރައްޔިތުންގެ ރުހުން ހޯދަން ވޯޓަކަށް ދާން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލުމާއި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރައްވާ ދުވަހެއްގެ ގޮތުގައި ކުރިން އޮންނަ ގޮތަށް 17 ނޮވެމްބަރުގެ ބަދަލުގައި 11 ނޮވެމްބަރަށް ބަދަލު ކުރުމާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުން ހިމެނެ އެވެ.

އޭގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލަރުން ވާދަކުރާ ނިސްބަތް ވެސް މަދުކޮށްލަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގައި މިވަގުތު ގާނޫނުއަސާސީ ބަދަލު ކުރެވޭ ވަރަށް ސުޕަ މެޖޯރިޓީ އެބައޮތެވެ.