މަސް ދޯނިތަކުން 39 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
މަސް ދޯނިތަކުން 39 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މާލޭ މަސް މާރުކޭޓު ކައިރީ ފަޅުގައި އަޅާފައި ހުންނަ މަސްދޯނިތަކުން 39 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މީހުން އަތުލައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން ކުރާ މަސައްކަތުގެ ދަށުން އިއްޔެ މަސް މާރުކޭޓު ސަރަހައްދުގައި ބިދޭސީން ވިޔަފާރިކުރާ ދޯނިތަކަށް އަމާޒުކޮށް ހިންގި އޮޕަރޭޝަނެއްގަ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އާންމުންގެ ޝަކުވާތައް ލިބިގެންނެވެ.

އެ ސަރަހައްދުގައި އަޅާފައި ހުރި ދޯނިތައް ބަލައި ފާސްކޮށް، 39 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ހޯދަން ފަށާފައިވާ މަސައްކަތުގައި، ބިދޭސީން ދިރިއުޅޭ ތަންތަނާއި އެމީހުން މަސައްކަތްކުރާ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރަންޓުތަކުގެ އިތުރުން ސެލޫން ފަދަ ތަންތަން ވެސް ބަލައި ފާސްކޮށް، ބިދޭސީންގެ ލިޔެކިޔުންތައް ހަމަތޯ ބަލަ އެވެ.

އޭގެ ތެރެއިން ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުންދާ މީހުން ދަނީ ޑީޕޯޓްކުރަމުންނެވެ. މިހާތަނަށް 5000 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓްކޮށްފަ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މުޅި ރާއްޖޭގައި 138 ރަށުގައި މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް 10،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވެ އެވެ. ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އަންނަ އަހަރުގެ އޭޕްރީލްގެ ނިޔަލަށް ނަގައި ނިންމޭނެ ކަމަށް ވެސް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެ އެވެ.