19 ނޮވެމްބަރ 2024 - 14:52

ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓުން ގާކުނޑިތަކެއް ގއ. ނިލަންދޫ ކައުންސިލްގެ ހުއްދައާ އެކު އެ ރަށަށް ގެންގޮސް ޗަސް ބިން ސަރަހައްދުގައި ވަޅުލާ މައްސަލަ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.

އީޕީއޭގެ ޑިރެކްޓަރު ރިއްފަތު ނައީމް "މިހާރު" އަށް ވިދާޅުވީ ރިސޯޓަކުން ނިލަންދުއަށް ކުނި ގެންގޮސްގެން ވަޅުލާ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"އެއް ރަށުގައި އުފެދޭ ކުނި އެހެން ރަށަކަށް އެރުވުމަކީ މަނާ ކަމެއް. މިކަމުގެ ޝަކުވާތައް ވެސް ލިބިފައި ވަނީ، އެހެންވެ މައްސަލަ ބަލަމުން މި އަންނަނީ،" އޭނާ ވިދާޅުވި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުންޏަކީ އެ ރިސޯޓުގެ ފާރުތަކެއް ތަޅާލާފައި ހުރި ގާކުނޑި ކަމަށެވެ.
ކުނިތައް އުކާލަން ހަވާލުކުރީ ލިއޯ ޓްރޭޑިން ކިޔާ ރާއްޖޭގެ ކުންފުންޏަކާ ކަމަށާއި އެ ކުނިތައް ރަށަށް ގެންދިޔައީ ކައުންސިލާ ގުޅިގެން ކަމަށް ވެސް އޭނާ ބުންޏެވެ.
"މި ރަށުގެ ވަށާ މަގު ހަދާ ތަނުގެ އަޑިއަށް އެ ކުނިތައް އަޅަނީ. މިހާރު ހަފުތާއެއްވީ އެ މަސައްކަތް ކުރާތާ. މުޅި ރަށް ހަލާކު މި ކުރަނީ،" އޭނާ ބުންޏެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހް އިބްރާހީމް ވިދާޅުވި ގޮތުގައި އެ ރަށަށް ގާކުނޑި ގެންދަނީ ކައުންސިލުން ބޭނުންވެގެންނެވެ. ބޭނުމަކީ އުދަ އަރާ ސަރަހައްދު ހިމާޔަތްކުރުން ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާކުނޑިތައް އަޅަނީ ޗަސް ބިން ކައިރީގައި ޗަކަ ހެދިފައި އޮތް މަގު ރަނގަޅު ކުރުމަށެވެ.
"އަނެއްކާ އެ ބުނަނީ އޮޅަށް ގެއްލުން ވާނޭ. ޗަކަ ބިމަކަށް އަޅުގަނޑުމެން ނާޅަން. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އޮޅު ހިމާޔަތްކުރަން. އުދަ އަރާ ސަރަހައްދެއް އެއީ، އެތަން އުސް ކުރީމަ އެ ސަރަހައްދު ވެސް ހިމާތްތައް ކުރެވުނީ އޮޅު ވެސް ހިމާޔަތްވާނެ. އުދަ އަރާ ސަރަހައްދު ހިމާޔަތް ކުރުމަށް މި މަސައްކަތް ކުރަނީ،" ނާސިހް ވިދާޅުވި އެވެ.
ކައުންސިލުން ބުނީ އެ މަގު ހެދުމަށް ބޭނުންވާ ހުއްދައަށް އީޕީއޭގައި އެދުނު ކަމަށެވެ. އެ މަގު ހެދުމަށް ރުއްތައް ވެސް ނަގަން ޖެހޭ ކަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އީޕީއޭ އިން ޖަވާބެއް ނުދީ 30 ދުވަސް ވެއްޖެ ނަމަ އެ މަސައްކަތް ކުރެވޭނެ އެވެ. އެއް ރަށުން އަނެއް ރަށަށް ކުނި ގެންދިއުން މަނާވިޔަސް ގާކުނޑި ހިމެނެނީ ކުނީގެ ތެރޭގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ތަކުރާރުކޮށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.