18 ނޮވެމްބަރ 2024 - 18:06

ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގެ ކެޕޭސިޓީ އިތުރުކޮށް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލް އިން އާރުޑީސީއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކުރީ އިމަޖަންސީ ރޫމްގެ ކެޕޭސިޓީ އިތުރުކޮށް ހިދުމަތް ފުޅާކުރުމަށްޓަކައި ސިވިލް ވޯކް އެންޑް އިންޓީރިއާ ފިނިޝިންގެ މަސައްކަތް 60 ދުވަސް ތެރޭގައި ނިންމުމަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލްގެ އިމަޖެންސީ އަދި ޖީއޯޕީޑީ ހިދުމަތް ހޯދި މީހުންގެ އަދަދު 250،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލްގައި މިހާރު ހުރީ ހަތް އެނދުގެ އިމަޖަންސީ ރޫމެއް ކަމަށާއި ނަމަވެސް މި މަޝްރޫއުގެ ދަށުން ޒަމާނީ ވަސީލަތްތަކާ އެކު 14 އިމެޖަންސީ އެނދާއި ކްރިޓިކަލް ހާލަތްތަކުގައި ފަރުވާ ދިނުމަށް ހާއްސަ ކުރެވޭ ރިސަސްއެއް ގާއިމް ކުރެވޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"...މި ތަފާސްހިސާބުން ދައްކައިދެނީ ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތަށް ހުރި ބޮޑު ޑިމާންޑް. މި އިތުރު ކުރެވޭ ކެޕޭސިޓީގެ ސަބަބުން މި ބޮޑު ޑިމާންޑަށް އެކަށީގެންވާ ހައްލެއް ލިބިގެން ދާނެ،" ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.
ސަރުކާރުން ވަނީ ހުޅުމާލެ ހޮސްޕިޓަލް މިހާރު ހިންގާ ހަ ބުރީގެ އިމާރާތާ އިންވެގެން 15 ބުރީގެ އާ އިމާރާތެއް ހަދައި އެ ދެ ތަން ގުޅާލައިގެން، 250 އެނދުގެ އާ ހޮސްޕިޓަލެއް އަޅަން ވެސް ނިންމައިފަ އެވެ.
ހަ ބުރީގެ އިމާރާތުގައި މިހާރު ވެސް އަންނަނީ އައިސީޔޫ އަދި އެންއައިސީޔޫ ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ދެ ތަން ވެސް މި އަހަރުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.