17 ނޮވެމްބަރ 2024 - 22:02

ފަލަސްތީނުގެ ޣައްޒާގެ އިމާރާތަކަށް އިޒްރޭލުން މިއަދު ދިން ހަމަލާއެއްގައި 30 މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފި އެވެ.
އިޒްރޭލުން ބުނީ މިއީ "ޓެރަރިސްޓުންގެ އަމާޒުތަކަށް" ދިން ހަމަލާތަކެއް ކަމަށެވެ.
އާދީއްތަ ދުވަހުގެ ފަތިހުގެ ހަމަލާތަކަށް ފަހު ބައިތު ލަހިޔާގެ ފަސް ބުރީގެ އިމާރާތެއްގެ ގާކުނޑިތަކުގެ ތެރެއިން 30 މީހެއްގެ ހަށިގަނޑު ނަގާފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ ކަމަށް ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަސަލް އޭއެފްޕީއަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަަމަލާ ދިނީ އާންމުން ދިރިއުޅޭ އިމާރާތަކަށް ކަމަށެވެ.
މީގެ އިތުރުން ހަތް މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ބަސަލް ވިދާޅުވި އެވެ. ހަމަލާތައް ދިންތާ އިރުކޮޅެއް ފަހުން އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭރު 59 މީހަކު ގެއްލިފައިވެ އެވެ.
"ބަރު ހަތިޔާރުން ހަމަލާ ދިނުމާއި ބަޑި ޖެހުން އަދިވެސް ކުރިއަށް ދާތީ، މިހާރު ޒަހަމްވެފައި ތިބި މީހުން ސަލާމަތް ނުކުރެވި، މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެ،" އޭނާ ވިދާޅުވި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ބައިތު ލަހިޔާ ސަރަހައްދުގައި "ޓެރަރިޒަމްގެ ހަރަކާތްތައް" އިތރުވަމުންދާ ކަމަށާއި ރޭގަނޑު އެ ސަރަހައްދަށް ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
"އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ސަރަހައްދުން އާންމުންގެ އާބާދީ ބޭރުކުރުމުގެ މަސައްކަތް ތައް މެދުނުކެނޑި ކުރަމުން އަންނަކަން ފާހަގަކުރަމެވެ،" އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޣައްޒާގައި ވެރިކަންކުރާ ހަމާސް އިން ބުނީ އިޒްރޭލުގެ މި އަމަލަކީ ގަތުލް އާންމެއް ކަމަށާއި މިއީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް، ހަތިޔާރެއް ނެތް އާންމުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ކެމްޕެއިންގެ ބައެއް ކަމަށެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން އާދީއްތަ ދުވަހު ބުނެފައިވަނީ 13 މަސް ދުވަސް ވެފައިވާ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 43،846 އަށް މިހާރު އަރާފައިވާ ކަމަށެވެ. މިއީ އިޒްރޭލަށް މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިން ދިން ހަމަލާތަކުގެ ބަދަލު ހިފުމަށް ކަމަށް ބުނެ އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކެކެވެ.