ޖެހިޖެހިގެން ފްލޮޕްވި ސައިފްގެ ފަސް ވަނަ ފިލްމަކަށް "ރަންގޫން"
ޖެހިޖެހިގެން ފްލޮޕްވި ސައިފްގެ ފަސް ވަނަ ފިލްމަކަށް "ރަންގޫން"

ޑައިރެކްޓަރު ވިޝާލް ބަރްދްވާޖްގެ އެންމެ ފަހުގެ ރިލީޒް "ރަންގޫން" އަށް ބެލުންތެރިންގެ ހިތް އަތުލައިގަނެވޭ ގޮތެއް ނުވި އެވެ. ސައިފް އަލީ ޚާނާއި ޝާހިދު ކަޕޫރު އަދި ކަންގަނާ ރަނާވަތުގެ މި ފިލްމު ހިމެނުނީ އެންމެ ނާކާމިޔާބު ފިލްމުތަކުގެ ތެރޭގަ އެވެ.

ފިލްމުގެ ތަރިންގެ ތެރެއިން މި ފިލްމުގެ ނާކާމިޔާބީން އެންމެ ނޭދެވޭ އަސަރެއް ކުރާނީ ސައިފަށް ކަމަށް ބެލެވެ އެވެ. ސަބަބަކީ "ރަންގޫން" އަކީ ޖެހިޖެހިގެން ފްލޮޕްވި ސައިފްގެ ފަސް ވަނަ ފިލްމަށް ވާތީ އެވެ.

އޭނާގެ ފަހުގެ ފިލްމުތަކުގެ ތެރެއިން ގޯ ގޯ ގޯއާ، ބުލެޓް ރާޖާ، ހަމްޝަކަލްސް އަދި ފެންޓަމް އަށް ވެސް ފިލްމު ބަލާ މީހުންގެ ޝައުގުވެރިކަމެއް ނުލިބުނެވެ.

"ރަންގޫން" ވެސް ދުވަހަކަށް ވުރެ ދުވަހެއް ދަށްވަމުން ގޮސް ފިލްމާ ދޭތެރޭ ކުރި ހުރިހާ އުންމީދެއް ވަނީ ފެނަށް ވެފަ އެވެ.

ސައިފްގެ ފިލްމީ ކެރިއަރަށް ނިމުން އަންނަނީތޯ ބައެއް މީހުން މިހާރު އަންނަނީ ސުވާލުކުރަމުންނެވެ. މި ފަހުން ސައިފް ކުޅުނު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަކްޝޭ ކުމާރާ އެކު އޭނާ ކުޅުނު ފިލްމުތަކާއި ޕްރީތީ ޒިންޓާ އާއި ރާނީ މުކަރުޖީ އަދި ޝާހްރުކް ޚާނާއެކު ކުޅުނު "ކަލް ހޯ ނަހޯ" ފިޔަވައި އެހެން އެއްވެސް ފިލްމެއް ކާމިޔާބު ވެފައެއް ނުވެ އެވެ.

ދެން އެންމެ އަވަހަށް ރިލީޒްވާން އޮތް ސައިފްގެ ފިލްމަކީ "ޝެފް" އެވެ. ރާޖާ ކްރިޝްނާ މެނަން ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޝެޑިއުލްކޮށްފައި ވަނީ އަންނަ ޖުލައި މަހު ރިލީޒްކުރާ ގޮތަށެވެ. މި ފިލްމު ވެގެން ދާނީ ސައިފަށް ފިލްމު އިންޑަސްޓްރީގައި ދެމި ހުރެވިދާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާ ފިލްމަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.