06 މާޗް 2017 - 14:57

ގުދުސް (މާޗް 6) - އެމެރިކާ އެމްބަސީ ތެލް އަވީވުން ގުދުސް އަށް ބަދަލު ކުރުމާ ބެހޭ ގޮތުން މަޝްވަރާ އަށް އެމެރިކާ އަށް ވަފުދެއް އިޒްރޭލަށް ހިނގައްޖެ އެވެ.
ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި އިޒްރޭލަށް ވަޑައިގެންނެވި ކޮންގްރެސްގެ ނޭޝަނަލް ސެކިއުރިޓީއާ ބެހޭ ސަބް ކޮމިޓީގެ ޗެއާމަން ރޮން ޑިސެންޓިސް އިއްޔެ ވަނީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވައިފަ އެވެ. އިޒްރޭލް އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަށް ނަތަންޔާހޫ ވަރަށް ބޮޑަށް ތާއީދު ކުރައްވަ އެވެ. ޖެނުއަރީ މަހު އޭނާ ވިދާޅުވެފައި ވަނީ ގުދުސް ވާނީ އިޒްރޭލުގެ ވެރިރަށަށް ކަމަށާއި އެމެރިކާ އެމްބަސީ ގުދުސް ބަދަލު ކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ.
އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭން ވައުދެކެވެ.
އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުންތައް ހައްލު ކުރުމުގައި އެންމެ މުހިންމު އެއް މައްސަލައަކީ ގުދުސްގެ ކުރިމަގެވެ. ފަލަސްތީނުން ވެސް ބުނަމުން ދަނީ ކުރިމަގުގައި އުފެދޭ މިނިވަން ދައުލަތުގެ ވެރިރަށަށް ވެގެން ދާނީ ގުދުސް ކަމަށެވެ.
ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އިޒްރޭލުން ހިފީ 1967 ވަނަ އަހަރުގެ ހަނގުރާމައިގަ އެވެ. އަދި ފަހުން ވަނީ އެއީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. އިޒްރޭލުން 1980 ވަނަ އަހަރު ވަނީ އެ ގައުމުގެ ވެރި ރަށަކީ ގުދުސް ކަމަށް އިއުލާންކޮށްފަ އެވެ. އެކަމަކު ބައިނަލްއަގުވާމީ މުޖްތަމައުން އެކަން ބަލައިގެންފައެއް ނުވެ އެވެ.