ގޯލްޑް ކަޕްގެ ޓީމުތަކަށް އެފްއޭއެމްގެ ދަނޑުތައް ބޭނުން ކުރެވޭނެ
ގޯލްޑް ކަޕްގެ ޓީމުތަކަށް އެފްއޭއެމްގެ ދަނޑުތައް ބޭނުން ކުރެވޭނެ

މާލެ ސަރަހައްދުން އެފްއޭއެމްގެ ބެލުމުގެދަށުގައިވާ ތިން ދަނޑާއި ހެންވޭރު ދަނޑުގައި ޕްރެކްޓިކްސް ކުރުމުގެ ފުރުސަތު ގޯލްޑް ކަޕްގެ ޓީމުތަކަށް ލިބޭނެ ކަމަށް ނައިންޓީ ޕްލަސްއިން ބުނެފި އެވެ.

ގޯލްޑް ކަޕްގެ ޓީމުތަކަށް އެފްއޭއެމްގެ ދަނޑުތައް ބޭނުން ކުރެވޭނެ
ގޯލްޑް ކަޕްގެ ޓީމުތަކަށް އެފްއޭއެމްގެ ދަނޑުތައް ބޭނުން ކުރެވޭނެ

އެފްއޭއެމް ބައިވެރިނުކޮށް ގޯލްޑް ކަޕް ބާއްވާތީ އެ އެސޯސިއޭޝަނާއި ނައިންޓީ ޕްލަސްއާ ދެމެދު ހިތްހަމަނުޖެހުންތަކެއް މީގެ ކުރިން ފެންމަތިވި އެވެ.

އެކަމަކު މިހާރު އެ ހިތްހަމަނުޖެހުންތައް އެއްފަރާތްކޯށްފައިވާ ކަމަށް ނައިންޓީ ޕްލަސްގެ އިސް ހަރާކާތްތެރިޔާ އަދި ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުންޏެވެ.

"ޓީމުތައް ޕްރެކްޓިސް ކުރަން ވެސް އެފްއޭއެމްގެ ދަނޑުތައް ބޭނުން ކުރެވޭނެ،" ޝާޒް ބުންޏެވެ.

މާފަންނު ސްޓޭޑިއަމްގައި އޮންނަ އެފްއޭއެމްގެ ޓާފް ދެ ދަނޑާއި ވިލިމާލޭ ފުޓްބޯޅަ ދަނޑުގެ އިތުރުން ސްޕޯޓްސް މިނިސްޓްރީގެ ބެލުމުގެދަށުގައި އޮންނަ ހެންވޭރު ދަނޑުގައި ވެސް ޓީމުތަކުގެ ޓްރޭނިން ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް ޝާޒް ބުންޏެވެ.

ދަނޑުތައް ޓީމުތަކުން ބޭނުން ކުރަނީ ސްޕޯޓްސް މިނިސްޓްރީ އަށް ދަނޑުތައް ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތަކުގަ އެވެ.

އެފްއޭއެމްގެ ޗެއާޕާސަން އަހްމަދު ޒުހޫރު ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީ އަށް ދަނޑުތައް ބޭނުން ކުރެވޭނެ އުސޫލުގެ ތެރެއިން މިނިސްޓްރީގެ އެދުމަށް ދަނޑުތައް އެ މިނިސްޓްރީގެ ބޭނުމަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މިނިސްޓްރީގެ ވަސީލަތްތައް އަޅުގަނޑުމެންނަށް ދޫކުރާ ފަދައިން، އަޅުގަނޑުމެންގެ ވަސީލަތްތައް މިނިސްޓްރީ އަށް ދޫކުރުމަށް ވަނީ ހަމަޖެހިފަ،" ޒުހޫރު ވިދާޅުވި އެވެ.

މި އަންނަ ބުދަ ދުވަހު ފަށާ، ގޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުން މި ހަފުތާގައި މާލެ އަންނަން ފަށާނެ އެވެ. މުބާރާތް ކުރިއަށްގެންދާނީ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.