17 ނޮވެމްބަރ 2024 - 11:36

މި އަންނަ ބުދަ ދުވަހު ފަށާ ގޯލްޑް ކަޕްގައި ފުޓްބޯޅައިގެ މަޝްހޫރު އޭދަފުއްޓާއި ތިމަރަފުށި ހިމެނޭ ގުރޫޕް ޑީގައި މާލެ ލައްވައިލައިފި އެވެ.
ރަށްތަކާއި ސިޓީތަކަށް ހާއްސަކޮށްގެން، ނައިންޓީ ޕްލަސްއިން ބާއްވާ ގޯލްޑް ކަޕްގެ ގުރު ނެގުން ސިޓްރަން ލެމަން ގްރާސްގައި ރޭ ވަނީ ބާއްވާފަ އެވެ. ފުޓްބޯޅައިގެ އެންމެ ވަރުގަދަ ރަށްރަށަށް ނިސްބަތްވާ ޓީމުތަކުގެ އޮފިޝަލުން އެއްތާކުން ބައްދަލުވި ހަފުލާއަކީ، ގާތްގަނޑަކަށް ހަތް އަހަރަށް ފަހު އަތޮޅު ފުޓްބޯޅައިގެ ބައްދަލުވުމެއްގައި އަތޮޅުތަކުގެ މަންދޫބުން އެއްތާކުން ބައްދަލުވި އެންމެ ބޮޑު ބައްދަލުވުމެވެ.
މުބާރާތުގައި ގުރޫޕްތައް ބެހިފައިވާ ގޮތުން، ފުޓްބޯޅައިގެ ވަރުގަދަ ނަންތައް އެއް ގުރޫޕެއްގައި ލައްވާލި އެވެ.
ގައުމީ ޓީމަށް އެއް ރަށަކުން އެންމެ ގިނަ ކުޅުންތެރިން ސަޕްލައި ކުރާ ރަށަކީ އޭދަފުއްޓެވެ. އެ ޓީމާ އެކު ގުރޫޕް ބީގައި ހިމެނޭ ތ. ތިމަރަފުއްޓަކީ 2016 ގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވެސް އޭދަފުއްޓާ ދެކޮޅަށް ނުކުތް ރަށެވެ.
ނޮވެމްބަރު 2016 ގައި ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލު މެޗު ތިމަރަފުށި ބަލިކޮށް އޭދަފުށިން ކާމިޔާބުކޮށް، މުބާރާތުގެ ތަށި އެ ރަށަށް ގެންދިޔަ އެވެ. އޭގެ އަށް އަހަރު ފަހުން އެ ދެ ޓީމު އަނެއްކާ ވެސް ގަލޮޅު ދަނޑުގައި ވާދަކުރާނެ އެވެ.
އެ ގުރޫޕްގައި ދެން ހިމެނެނީ މާލެ އާއި ބ. ތުޅާދޫ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ގޭމް ސްޓައިލް ބަދަލުކޮށްލި އައްޑު އަށް ނިސްބަތްވާ ޓީމަށް ލައްވާލީ ފުޓްބޯޅައިގެ ކުރީގެ ގަދަބާރު ހުރާ އެވެ.
އެ ދެ ޓީމު ހިމެނޭ ގުރޫޕް ސީގައި ދެން ހިމެނެނީ ކުރިން މާލޭގެ ބޭއްވި މުބާރާތްތަކުގައި ވެސް ކުޅުނު ކ. ގުރައިދޫ އެވެ. މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވި ޅ. ކުރެންދޫ ޓީމު ވެސް ހިމެނެނީ ގުރޫޕް ސީގަ އެވެ.
ގުރޫޕް އޭ ގައި ވަރުގަދަ ބާރަކަށް އޮތީ 2017 ގައި މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ކުޑަހުވަދޫ އެވެ. އެ ޓީމާ ދެކޮޅަށް ވާދަކުރާ ޓީމުތަކުގެ ތެރޭގައި 2015 ގެ މިނިވަން 50 ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކުޅުނު ގދ. ފަރެސްމާތޮޑާ ހިމެނެ އެވެ. ދެން ހިމެނެނީ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް ކޯޗުކޮށް ދޭ، ފުވައްމުލަކެވެ. ދ. މީދޫ އާއި ހއ. ދިއްދުއާ އެކު ފަސް ޓީމު ގުރޫޕް އޭ ގައި ހިމެނެ އެވެ.
ގުރޫޕް ޑީގައި ހިމެނެނީ ޅ. އަތޮޅުގެ ހިތް، ނައިފަރެވެ. ދެން އެ ގުރޫޕްގައި ލައްވާލީ ތަޖުރިބާކާރު ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ގެ ބެލުމުގެ ދަށުން ތައްޔާރުވާ، ރ. އަލިފުއްޓާއި އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު އަހްމަދު ޝަރީފް (ޑުންގާ) ކޯޗުކޮށް ދޭ ކ. މާފުށީގެ އިތުރުން ބ. ކެންދޫ އެވެ.
- ގުރޫޕް އޭ: ޏ. ފުވައްމުލައް. ދ. ކުޑަހުވަދޫ، ގދ. ފަރެސްމާތޮޑާ، ދ. މީދޫ އަދި ހއ. ދިއްދޫ.
- ގުރޫޕް ބީ: މާލެ، ތ. ތިމަރަފުށި، ބ. އޭދަފުށި، އަދި ބ. ތުޅާދޫ.
- ގުރޫޕް ސީ: އައްޑޫ، ޅ. ކުރެންދޫ، ކ. ހުރާ އަދި ކ. ގުރައިދޫ
- ގުރޫޕް ޑީ: ޅ. ނައިފަރު، ކ. މާފުށި، ބ. ކެންދޫ އަދި ރ. އަލިފުށި