17 ނޮވެމްބަރ 2024 - 09:52

ޕްރޮޓީން ސަޕްލިމެންޓް ދަޅެއްގައި ފޮރުވާފައި ހުރި ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ބެންކޮކްގެ ނޫސްތަކުން ބުނީ އެ މީހާ ހައްޔަރުކުރީ އިނގިރޭސިވިލާތުން ފޮނުވި ޕެކޭޖެއްގައި ހުރި މެފެޑްރޮން ޕެކޭޖު ކޫރިއާ ފެސިލިޓީއަކުން ނަގަން އުޅެނިކޮށް ކަމަށެވެ.
ނާކޮޓިކްސް ކޮންޓްރޯލް ބޯޑް (އޯއެންސީބީ) ގެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލް ޕަނޫރަތު ލަކްބޫން ވިދާޅުވީ މިދިޔަ ޖޫން މަހު ވެސް ޕޮލެންޑުން ކޮފީ ކެޕްސޫލްތަކެއްގައި ފޮރުވާފައި ހުރި 840 ގްރާމްގެ މެފެޑްރޯނާ އެކު ރަޝިއާ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރި ދިވެހިއްސަކީ ކޮން ނަމެއް ކިޔާ މީހެއް ކަމެއް ހާމައެއް ނުކުރެ އެވެ. އޯއެންސީބީން ބުނީ ނަން ހާމަ ނުކުރީ ނެޓްވޯކާ ގުޅުން ހުރި އެހެން މީހުން ދެނެގަތުމުގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ ކަމަށެވެ.
ތައިލެންޑުގެ ފުލުހުން ވަނީ އެމްޑީއެމްއޭ، އެކްސްޓަސީ، ކޮކެއިން، ކެޓަމިން އަދި ޝައްކުކުރެވޭ އެހެން ބައެއް ތަކެތި ވެސް ތަހުގީގުގައި ހޯދައިފަ އެވެ. އޭގެ ތެރޭގައި އަލަށް ފެންނަމުން އަންނަ ޑްރަގްގެ ބާވަތްތައް ވެސް ފެނިފައިވެ އެވެ. މި ބާވަތްތަކަކީ މިހާރަކަށް އައިސް އަތުލައިގަންނަ ޑްރަގްތަކުގެ ތެރޭގައި އިތުރުވަމުން އަންނަ ބާވަތްތަކެކެވެ.