17 ނޮވެމްބަރ 2024 - 08:02

ސަރުކާރުތަކަށް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އާންމު ގޮތެއްގައި ދައްކަން އޮންނަނީ އެއް ވާހަކަ އެކެވެ. ފެނާއި ނަރުދަމާ އާއި މަގާއި ބަނދަރު ހެދުމުގެ މަޝްރޫއެއް ފެށި އަދަދުތަކެވެ. އެއާޕޯޓާއި ބިން ހިއްކުން ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއްގެ ވާހަކަ އެވެ. ގުނަނީ އުސް އިމާރާތްތަކާއި ފްލެޓްތަކުގެ އަދަދެވެ.

އެއީ ވެސް ގައުމަކަށް މުހިންމު މަސައްކަތްތަކެއް ކަމަށް ވިޔަސް ފަސް އަހަރެއްގެ ވެރިކަމެއް ނިމިގެން ދާއިރު އެއްވެސް ސަރުކާރެއް ނުދައްކާ ވާހަކަތަކެއް ވެސް ހުރެ އެވެ. އެއީ ޒަމާންތަކެއް ވަންދެން ރާއްޖޭގައި އަތް ނުލައި އޮވެ އިތުރަށް ގޯސްވަމުންދާ އިޖުތިމާއީ އަދި އިގްތިސާދީ ބޮޑެތި މައްސަލަތަކެވެ. ސިޔާސީ ގޮތުން ވެދާނެ ގެއްލުމަކާ ހެދި ޖީލުތައް ހަލާކުވާން ދޫކޮށްލާފައި އޮންނަ އޮތުމުގެ ވާހަކަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ އަހަރު ކޮންމެ މީހެއް ވެސް ސިފަ ކުރަނީ މުޅިން އެހެން ގޮތަށެވެ. މީހުން ދައްކަނީ އެ މަނިކުފާނަށް އަމާޒުވި ބޮޑެތި ފާޑު ކިޔުންތަކުގެ ވާހަކަ އެވެ. އެތައް ޕްރެޝަރެއް ކުރިމަތިވި އަހަރެއް ގޮތުގަ އެވެ. ބައެއް ނިންމުންތަކާ ހެދި ސަރުކާރެއް "ވެއްޓޭ" ވަރަށް ހަމަލާތައް އަމާޒުވި ވާހަކަ އެވެ.

އޭގެ ސަބަބަކީ ފުރަތަމަ އަހަރު ތެރޭގައި ރައީސް ނިންމެވި އުނދަގޫ، އެހެން ނަމަވެސް މުހިންމު ނިންމުންތަކެވެ. ނޮވެމްބަރު 17، 2023 ގައި މަގާމުގެ ހުވާކުރެއްވިއިރު ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީއެއް ނެތުމުން ހައެއްކަ މަސް ވަންދެން އިވުނީ އޭރު އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ވޯޓެއް ނަގައި އެ މަނިކުފާނު މަގާމުން ދުރުކުރާނެ ވާހަކަތަކެވެ. އެ ވާހަކަތަކުގައި "ނުސިހޭ" ދުވަހެއް ނެތެވެ.

ސިރިންޖަކުން ލޭ ދަމާލާހެން ރައްޔިތުންގެ ފައިސާ ދަމާލަމުން އަންނަ ބޭހުގެ މާފިއާގެ ކޮންޓްރޯލް ނައްތާލުމާއި އިސްރާފާއި ހިޔާނާތް ހިނގަމުން ދިޔަ އާސަންދަ ހަމަ މަގަށް އަޅުވާލުމެވެ. އާ ޖީލު ހަލާކު ކުރަމުން ދިޔަ ވޭޕް މަނާ ކުރުމާއި ބާރުގަދަ ގޭންގުތައް ސައިޒުކޮށް ޑްރަގް ނެޓްވޯކުތައް މުލުން ލުހެލުމުގެ މަސައްކަތް ފެށުމެވެ.

މަލްޓި ބިލިއަން ޑޮލަރުގެ ޓޫރިޒަމްގެ ފައިދާ މުޅި ރާއްޖެ އަށް އެކަށީގެންވާ ގޮތަކަށް ލިބޭނެ މަގު ފަހިކުރުމުގެ އުނދަގޫ މަސައްކަތެވެ. އަދި ރާއްޖެ އަށް ވޭޕް އެތެރެކޮށް، ވިއްކުން މަނާކުރުމުގެ އުނދަގޫ ފިޔަވަޅެވެ. މުޅި ރާއްޖޭގައި ވޭޕް ބޭނުންކުރުން އިތުރުވަމުން ދާއިރު އެއީ ތާއީދުގެ ގޮތުން ބެލިޔަސް ފަސޭހަ ކަމަކަށް ނުވާނެ އެވެ.

މިއީ ޒަމާންތަކެއް ވަންދެން އެހެން އެއްވެސް ސިޔާސީ ލީޑަރަކު އޮތް ނުލައި އޮތް މައްސަލަތަކެވެ. ސަބަބަކީ ޕްރެޝަރު ހިފަހައްޓައި ނުލުމާއި ސިޔާސީ ގޮތުން ވާނެ ބޮޑެތި ގެއްލުންތަކާ ހެދި އެވެ. އިތުރު ދައުރަކަށް އިންތިހާބު ނުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. ކުރުކޮށް ބުނާ ނަމަ އެއީ ސިޔާސީ ވެރިން އަތްލާން ޖެހިލުންވާ ކަންކަމެވެ.

"ގިނަ ދުވަސްތަކެއް ބަންދެން އަތް ނުލައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެވޭތޯ އަލުގަނޑު ބަލަމުން ގެންދިޔައީ. ވަރަށް ގިނަ ކަންތައްތަކެއް ފަސޭހައަކަށްޓަކައި ކޮންފޯޓް ޒޯނުގައި ތިބުމަށްޓަކައި މިދިޔަ ޒަމާންތަކުގައި އަޅާ ނުލައި ހުރި ގިނަ ކަންތައްތަކެއް އެބަހުރި،" މި އަހަރުގެ ޖުމްހޫރީ ދުވަހު ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު އެ މަނިކުފާނަށް ވާރުތަވީ ނުރައްކާތެރި ބޮޑެތި ގޮންޖެހުންތަކެކެވެ. އެއް ކަމަކީ 112 މިލިއަން ރުފިޔާގެ ބޮޑު ދަރަންޏެވެ. އެ އިން ސަލާމަތް ވެވިދާނެ ކަމަށް އެއްވެސް ބަޔަކު އަންދާޒާ ނުކުރާ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕުކޮށް، ބާޒާރަށް ނެރެފައި އޮތުމުގެ ސަބަބުން މާލީ ހާލަތު އޮތީ އިންތިހާ އަށް ގޯސްވެފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން 2025 ގައި ދައުލަތުން 500 ބިލިއަން އަދި 2026 ގައި އެއް ބިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް ދައުލަތުން އޮތީ ދައްކަން ޖެހިފަ އެވެ. ސަރުކާރުގެ ކުންފުނިތައް ވެސް އޮތީ އެތައް ބިލިއަނުން ދަރައި އަމިއްލަ އަށް ހިނގައި ނުގަނެވޭ ހިސާބުގަ އެވެ. ފައިސާ ވައްދާނެ އެއްވެސް ގޮތެއް ކޮޅެއް މަގެއް އުފައްދާފައި ނެތެވެ. ފިޔަވަޅުތައް މާކުރިން އަޅަން ޖެހޭ އިރު އެއިން އެއްވެސް ކަމެއް ނުކުރެ އެވެ.
ސައީދު ވިދާޅުވި ގޮތުގައި އެ ހާލަތުގައި ވެސް ރައީސް ނިންމެވީ ކިތަންމެ އުނދަގޫ ވިޔަސް ދުރު ރާސްތާގައި ދިމާވާނެ ގެއްލުން ބޮޑުވާނެތީ، އިތުރަށް އެއްވެސް ފައިސާއެއް ޗާޕު ނުކުރުމަށެވެ. އަދި ބަޔަކަށް ބޮޑު ދަރަންޏަކުން ނުދަރާ އެއް އަހަރު ވެގެން ދިޔަ އިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް 70 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޖަމާކޮށްފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
"ސަރުކާރު ކުންފުނިތަކަށް ދިމާވެފައި އޮތް ނުރައްކާތެރި ހާލަތު އެކަންކަމުން ސަލާމަތް ކުރަން ޖެހޭ. އެހެންވެ އަމާޒެއް ހިއްޕަވާފައި 2027 އާ ހަމައަށް އަންނަ އިރު އަމިއްލަ ފައިމައްޗަށް ތެދުވެގެން ނުހިންގޭ ސަރުކާރުގެ ކުންފުނިތައް ޖެހޭނީ އުވާލަން ނުވަތަ އެހެން ނަޒަރިއްޔާތަކުން ވިސްނަން," ސައީދު ވިދާޅުވި އެވެ.
އަނެއް ކަމަކީ ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކެވެ.. ދިވެއްސަކު ޑޮލަރު ބޭނުންވެގެން ހޯދަން ދާން ޖެހޭނީ ކަޅު ބާޒާރުގައި ބޮޑު އަގުގައި ހޯދުމަށެވެ. ޑޮލަރުގެ ތާށިކަން ބޮޑުވުމުން ކާޑުން ބޭރު ފައިސާ ބޭނުން ކުރެވޭ މިންވަރު ވެސް ބޭންކުތަކުން ވަނީ ލިމިޓު ކޮށްފަ އެވެ.
މިދިޔަ ހުރިހާ ސަރުކާރެއް ނިމިގެން ދިޔަ އިރު އެ މައްސަލަ އަށް އެއްވެސް ހައްލެއް ގެންނަން ވިސްނާފައި ނުވަނީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. ނަމަވެސް ހަގީގަތަކީ ބަދަލު ގެންނަން ޖެހޭ ކަމާއި އެކަން ކުރާނެ ގޮތާ މެދު އެތައް މަޝްވަރާތަކެއް މީގެ ކުރިން ވެސް ކުރި އެވެ. ނަމަވެސް ޓޫރިޒަމް އިންޑަސްޓްރީ ހިތްހަމަ ނުޖެހި ކަންބޮޑުވުން ބޮޑުވެދާނެތީ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުމަށް ނިންމި އުނދަގޫ ނިންމުމުގެ އަސަރު މިހާރު ވެސް ދަނީ ފެންނަމުންނެވެ. އެއީ ފަސޭހަ ކަމެއް ނޫން ކަން މިއަދުގެ މަންޒަރުތަކުން ވެސް ވަރަށް ސާފެވެ.
އެ މައްސަލަ ހައްލު ކުރަން މި ފަހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދެ ގަވައިދެއް އާންމު ކުރި އެވެ. އެއީ ބޭރު ފައިސާ އާ ގުޅޭ ގަވާއިދަކާއި މަނީ އެކްސްޗޭންޖާ ގުޅޭ ގަވައިދެކެވެ. ފައިސާއާ ގުޅޭ ގަވާއިދުގެ ދަށުން ރާއްޖޭގެ ބޭންކަކަށް ޓޫރިޒަމުން ލިބޭ ހުރިހާ ފައިސާއެއް ޖަމާކުރަން ޖެހޭ އިރު، މަނީ ޗޭންޖިން ގަވާއިދުގެ ތެރެއިން ވަނީ ކުރިއަށް ވުރެ ފީތައް ބޮޑުކޮށް ޝަރުތުތައް އިތުރުކޮށްފަ އެވެ.
ފައިސާ މާރުކުރުމުގެ ތެރޭގައި ޒަމާނުއްސުރެ އޮތް ބިދޭސީންގެ ބާރު މި ގަވައިދުގެ ދަށުން ނެއްޓިގެން ދާނެ އެވެ.
އެ ފިޔަވަޅުތަކާ ގުޅިގެން މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ރައީސް ދެއްވި ޖަވާބަކީ މިއީ އެވެ؛
"ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ! މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި!"
ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަ އެއް ކަމަކީ ސިއްހީ ނިޒާމެެވެ. އޭގެ ތެރެއިން ވެސް އާސަންދަ އަށް ކުރަން ޖެހޭ ހަރަދުތަކެވެ. ކޮންމެ އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އާސަންދަ އަށް އެކަނި ހަރަދު ކުރެ އެވެ. އެކަމަކު، އެ ފައިސާ ދަނީ ރައްޔިތުންގެ ބޭސް ފަރުވާ އަށް ވުރެ ބޮޑަށް ނުފޫޒު ގަދަ ބައެއްގެ ޖީބަށް ކަން ނޭނގޭ މީހަކު ނެތެވެ.
ކުރީ ސަރުކާރު ވެސް އެއްކޮށްފައި ހުރި ބައެއް ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ސިއްހީ ހިދުމަތް ދޭ ބައެއް ތަންތަނުން ހިދުމަތާއި ބޭހުގެ އަގު އޮންނަނީ އިންތިހާ އަށް ބޮޑު ކޮށްފަ އެވެ. އާންމު ރައްޔިތަކު ޕްރައިވެޓް ހޮސްޕިޓަލަކުން ޓެސްޓެއް ހަދަން ޖެހުނަސް އާސަންދަ އިން ބޮޑު އެއްޗެއް ކަނޑާލަ އެވެ. އިންޝުއަރެންސުން ވެސް އެ ވަރުގެ އެއްޗެއް އުނި ކުރަ އެވެ. އޭގެ އިތުރުން އަމިއްލަ އަތުން ވެސް ފައިސާ ދައްކަން ޖެހެ އެވެ.
ރާއްޖޭގެ މި އިންޝުއަރެންސް ސްކީމްގައި އެލިގަނެގެން އޭގެ ނާޖާއިޒް ފައިދާ ބޭރުގެ ބޮޑެތި ހޮސްޕިޓަލުން ތަކުން ވެސް ދިޔައީ ނަގަމުންނެވެ. ރާއްޖޭގައި ހިންގާ ބޮޑެތި ބައެއް ފާމަސީތަކާއި ކްލިނިކްތަކުން ވެސް ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ދައުލަތުން ނަގަނީ ހަމަ މި އާސަންދަ ތެރޭގައި ހުރި ބޮޑެތި ބާގަނޑުތައް ބޭނުން ކޮށްގެނެވެ. އެ ތަންތަނުން ވެސް އާސަންދަ ހިދުމަތުގެ ނާޖާއިޒް ފައިދާ ނަގައި ރައްޔިތުންނަށް ނޭނގި ނުސީދާ ގޮތެއްގަ އެވެ.
މިކަންކަން ބަރާބަރަށް ހިނގަމުންދާ ކަން ކުރީގެ ސަރުކާރުތަކަށް އެނގުން ނަމަވެސް މި ދައްކަނީ އާސަންދަ ހިދުމަތުގެ ވާހަކަ އެވެ. އާސަންދަ އާ ކުޅެ ލައިފި ނަމަ ސީދާ ރައްޔިތުންނަށް އަސަރު ކުރެ އެވެ. ބޭސް ފަރުވާގެ ނިޒާމަށް ކުޑަ ބުރޫއެއް ވެސް އަރައިފި ނަމަ ބައެއްގެ ފުރާނަ ވެސް ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ. މެޑިކަލް މާފިއާ އާ ހަނގުރާމަ ކުރަން އުޅެފި ނަމަ ސިޔާސީ ގޮތުން ވާނެ ގެއްލުން މާ ބޮޑެވެ.
ނަމަވެސް އެ މައްސަލަތައް ހައްލު ކުރަން ފުރަތަމަ އަހަރު ތެރޭގައި ރައީސް ވަރުގަދަ ނިންމުންތަކެއް ނިންމެވި އެވެ.
ފުރަތަމަ ކަމަކީ ރާއްޖޭގައި ވިއްކަމުން ދިޔަ ދަށް ކޮލިޓީގެ ބޭސްތައް ހުއްޓުވުމެވެ. ކޮލިޓީ ރަނގަޅު ބޭހާ އެކު، ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ހެޔޮ އަގުގައި ބޭސް ގެންނަން ޔޫއެންޑީޕީއާ އެކު ހެދި އެއްބަސްވުމަށް އަމަލުކުރަން ފަށައި އެސްޓީއޯއިން ވަނީ ބޭސް ޝިޕްމަންޓުތައް އެތެރެކޮށް ވިއްކަން ފަށައިފަ އެވެ.
ސަރުކާރުން މަސައްކަތް ކުރަނީ އަސާސީ ބޭސް ލިސްޓުގައި މިހާރު ހިމެނޭ ހުރިހާ ބޭހެއް ޔޫރަޕް ކޮލިޓީގައި އެސްޓީއޯ މެދުވެރިކޮށް ގެންނާށެވެ. އެ ލިސްޓުގައި މިހާރު 400 ބޭސް ހިމެނޭއިރު، އެ ލިސްޓަށް ބޭސް ގެނެސް ނިމުމުން 300 މިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެ އެވެ.
އޭގެ އިތުރުން އާސަންދަ ހިދުމަތް އެންމެ ބޭނުންވާ މީހުންނަށް ފޯރު ކޮށްދިނުމަށްޓަކައި ޕްރައިވެޓް އިންޝުއަރެންސް ހުންނަ ފަރާތްތަކަށް ފުރަތަމަ އެ އިންޝުއަރެންސުން ފައިސާ ކެނޑޭ ގޮތަށް ވަނީ ހަދައިފަ އެވެ. އެ އަށް ފަހު އާސަންދަ އިން ފައިސާ ކެނޑޭ ގޮތަށް ހެދުމުން ބޮޑު އާމްދަނީއެއް ދައުލަތަށް ސަލާމަތްވެގެން ދެ އެވެ.
އަދި އާސަންދަ ތެރޭގައި އިސްރާފުވާ ދިމަ ދިމާތައް ބަލައި އެ ބާގަނޑުތައް ބެއްދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށް ވެސް އާސަންދަ ދޫކުރުން ހަރުކަށިކޮށް އެ މީހުން ވެސް ނަގަމުން އަންނަ ނާޖާއިޒް ފައިދާތައް ހުއްޓުވުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ރާއްޖޭގައި އިޖްތިމާއީ ބޮޑެތި މައްސަލަތަކުގެ ފަހަތުގައި އޮތީ ދައުލަތަށް ވުރެ ބާރުގަދަ ގޭންގުތަކެވެ. ކުޑަ ކުދިން ރެކްރޫޓު ކޮށްގެން ކުށުގެ ވެއްޓަށް ނެރުމާއި ރާއްޖޭގައި މަސްތުވާތަކެތި ނެޓްވޯކުތަކާއި ގާނޫނާ ހިލާފު ހުރިހާ ވިޔަފާރިތަކެއްގެ ފަހަތުގައި އޮންނަނީ އެ މީހުންނެވެ.
މިހާރު އެންމެ ބޮޑެތި ވިޔަފާރިތަކާއި އަގު ބޮޑު އެޕާޓްމަންޓުތަކާއި ސަފާރީތަކުގެ ވެރިންނަކީ އެ މީހުންނެވެ. އަދި ސިޔާސީ ދާއިރާ އަށް ނުކުމެ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ބާރުގަދަ މަގާމުތަކުގައި ވެސް އެ މީހުންގެ ބާރު ހިނގަ އެވެ. އޭގެ އެއް ހެއްކަކީ ގޭންގުގެ މައްސަލަ ހައްލުކުރަން ނުކުންނަ ކޮންމެ މީހެއްގެ "ފިޔަ" ކޮށާލުމެވެ.
ނުރައްކާތެރި ކުށްވެރިން ހުއްޓުވުމާއި ޑްރަގްގެ މައްސަލަ ހައްލު ކުރުމަކީ ވެސް ރައީސް މުއިއްޒުގެ ރިޔާސީ ބޮޑު ވައުދުފުޅެކެވެ. އެކަމާ ކުރިމަތިލާ އިރު ދިމާވާނެ އުނދަގޫތަކާއި ގެންޖެހުންތައް އެނގިވަޑައިގެން އެމަނިކުފާނު މިހާރު ވަނީ އެ މައްސަލަ ހައްލު ކުރުމަށް ވަރުގަދަ ގާނޫނެއް ޑްރާފްޓު ކޮށްފަ އެވެ.
އެ ގާނޫނުގެ ދަށުން ގޭންގުތަކަކީ ކޮބައި ކަން ކަނޑައަޅައި ވަކި ސަރަހައްދުތަކަކަށް އެއްވެ ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ހަރަކާތްތެރިވުން ބޮޑު ކުށަކަށް ހަދަ އެވެ. ދައުލަތުގެ އެއްވެސް ވަޒީފާއެއްގައި އަދި އިންތިހާބު ކުރާ އެއްވެސް ސިޔާސީ މަގާމެއްގައި ގޭންގު މީހެއް ނުވަތަ ގޭންގު މީހުންނަށް ވާގިވެރިވާ މީހަކަށް ވެސް ނީންދެވޭނެ އެވެ.
އެތައް ޖީލެއް ހަލާކު ކޮށްލި އެ މީހުންނަށް އޮތީ ގާނޫނުއަސާސީން ވެސް ކަށަވަރު ކޮށްދީފައިވާ ބައެއް ހައްގުތައް ހަނިވާ ގޮތަށެވެ. އެގޮތުން ދިގު މުއްދަތަކަށް ބަންދު ކުރުމާއި ބައެއް ސަރަހައްދުތަކުގައި އެއްވެ ނޫޅެވުމާއި ތަހުގީގު މަރުހަލާތަކުގައި ވެސް ފުލުހުންނާއި ޕީޖީ އަށް ބޮޑެތި ބާރުތަކެއް އެ ބިލުން ލިބިގެންދެ އެވެ.
ހަމަ އެ ގޮތަށް މަސްތުވާތަކެތި ހުއްޓުވުމާ ބެހޭ ވަރުގަދަ ގާނޫނެއް ވެސް އަންނަނީ ތައްޔާރު ކުރަމުންނެވެ.
މި ކަންކަމުގެ ސަބަބުން ސަރުކާރަށް އަންނަން ހުރި ޕްރެޝަރު އަދި މާ ބޮޑެވެ. އަދި އެއީ "ޒުވާނުންނާ ދެކޮލަށް ނުކުތް" ސަރުކާރެއް ކަމަށް ވެސް ބައެއް ސިޔާސީ ފަރާތްތަކުން ބުނެ ވާހަކަ ދައުރު ކުރާނެ އެވެ.
އުނދަގޫ އެތައް ނިންމުންތަކަކާ ހެދި ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވި ނަމަވެސް މިއީ ސަރުކާރަށް އެތައް ބަޔަކު ތައުރީފް އޮއްސަމުން ދިޔަ ކަމަކެވެ. ރާއްޖޭގައި ޒަމާނުއްސުރެ ހައްލު ނުވެ އޮތް ބިދޭސީންގެ މައްސަލަތަކާ ދެކޮޅަށް މި ސަރުކާރާ އެއްވަރަށް އެއްވެސް ބަޔަކަށް ފިޔަވަޅެއް ނޭޅެ އެވެ.
މާލެ އަށް އެކަނި ބެލިޔަސް އާބާދީގެ ބޮޑު ބައެއް ހިއްސާ ކުރާ ބިދޭސީންނާއި ދިވެހިން އޮތީ މުޖުތަމައު ތެރޭގައި ވަރަށް ބޮޑަށް ގުޅިފަ އެވެ. އެތައް ވިޔަފާރި އާއި ހޮޓާ ރެސްޓޯރަންޓާއި ފިހާރަތަކާއި ބޯކޮށާ ތަންތަނާއި އެތައް ކަމެއްގައި އޮތީ ބިދޭސީންގެ އަތެވެ. ކޮންމެ ކަމަކަށް ދިވެހިން ތިބެނީ ބިދޭސީންނަށް އިތުބާރު ކޮށްލައިގެން އެ މީހުންނަށް ހުރިހާ ކަމެއް ދޫކޮށްލައިގެންނެވެ.
ނަމަވެސް ބައެއް ދިވެހިންގެ ވެސް އިހުމާލުތަކުގެ ސަބަބުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އާބާދީ އޮތީ އިންތިހާ އަށް އިތުރުވެފަ އެވެ. އެ މީހުން ތައްޔާރު ކުރަމުން ދިޔަ ކާތަކެއްޗާއި ދިރިއުޅެމުން ދިޔަ ހާލަތު އިންތިހާ އަށް ގޯހެވެ.
ސަރުކާރުން ވަނީ ބައެއް މީހުން ގަވައިދުގެ ތެރެއަށް ފެއްތުމާއި އަނެއްބައި މީޙުން ޑީޕޯޓު ކޮށްލުމުގެ މަސައްކަތް ކޮށްފަ އެވެ. ރާއްޖޭގެ ކުށުގެ މާހައުލުގައި ވެސް އުޅޭ އެތައް ބިދޭސީންތަކެއް ވަނީ ހިފަހައްޓައި ފުރުވާލައިފަ އެވެ.
މި އެއް އަހަރުގެ ތެރޭގައި 5،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. އެއީ މަދު އަދަދެއް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އެކަމަކު، އެއީ ވެސް ފެށުމެއް ކަމަށް ބަލައިފި ނަމަ ހަޖަމް ކުރާ ވަރު ވެ އެވެ.
ހަރުކަށި ފިޔަވަޅުތަކާއެކު ބޮޑެތި ބަދަލުތަކެއް އެ ދާއިރާ އިން ފެންނަން ފެށި އެވެ. އެހެން ނަމަވެސް މުޅި މައްސަލަ ހައްލު ކުރުމަށް އަދިވެސް ކުރަން ޖެހޭ އެތައް މަސައްކަތެއް އެބައޮތެވެ.
ރައީސްގެ މި އުނދަގޫ ނިންމުންތަކާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ޒަމާންތަކެއް ވަންދެން މުޖުތަމައު ތެރޭގައި ހަރުލާފައި ހުރި ނުބައި ކަންކަން ނައްތާލަން ސަރުކާރަކުން މަސައްކަތް ކުރާއިރު އެފަދަ ދެކޮޅުވެރިކަމުގެ ހަރަކާތްތައް ފެންނާނެ އެވެ.
އެކަމަކު، އެ ނިންމެވުންތަކުގެ ސަބަބުން މުޖުތަމައަށް އާހިރުގައި ގެއްލުމަށް ވުރެ ފައިދާ ބޮޑުވާނަމަ ކުރިއެރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ބޮޑު ބަދަލަކަށް ދާއިރު ރެސިސްޓަންސް ހުންނާނެ. އެއީ އޭގެ ޒާތުގައި އަންނާނެ ކަންކަން. ކަމެއް ބަދަލުވީމަ ނަފާވެރިކަން އިތުރުވާނަމަ އެއީ މުޖުތަމައު އަށް ލިބޭ ކުރިއެރުން،" އޭނާ ވިދާޅުވި އެވެ.
އިގްތިސާދީ މާހިރުން ލަފާ ކުރާ ގޮތުގައި މި ފިޔަވަޅުތަކަކީ މީގެ އެތައް އަހަރު ކުރިން އަޅާފައި އޮންނަން ޖެޙޭ ފިޔަވަޅުތަކެކެވެ. އަދި ވަކިން ހާއްސަކޮށް ބޮޑެތި ދަރަނިތަކާ ކުރިމަތިލާން ޖެހޭ އިރު ކުރީ ސަރުކާރުން މާކުރިން ތައްޔާރުވެފައި އޮންނަން ޖެހޭ ހާލަތެކެވެ.
ނަމަވެސް މިއަދު އެ ފިޔަވަޅުތައް އެޅުން ނޫން އެހެން ގޮތެއް ނެތެވެ. ސަރުކާރުން އަޅަން ހުރި އުނދަގޫއެތައް ފިޔަވަޅުތަކެއް އަދިވެސް އެބައޮތެވެ. މި ނޫން ގޮތަކަށް އަމަލު ކުރި ނަމަ އިއާދަ ނުކުރެވޭނެ ގެއްލުން ވާނެ އެވެ.
ރައީސްގެ މި ނިންމުންތަކާ ހެދި އެ މަނިކުފާނަށް ސިޔާސީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް ބައެއް ސިޔާސީ ތަޖުރިބާކާރުން ދެކެނީ އެހެން ގޮތަކަށެވެ.
އެއީ ޓެކްސް ބޮޑު ކުރުމާއި މިފަދަ އުނދަގޫ ނިންމުންތައް އާންމު ގޮތެއްގައި އެހެން ސަރުކާރުތަކުން ނިންމަނީ ވެރިކަމުގެ ފަހުކޮޅެވެ. އެހެންވެ އިންތިހާބަށް އޭގެ ޑެމޭޖު ވަރަށް ބޮޑުވެ އެވެ. އޭގެ ފައިދާ އިދިކޮޅު ޕާޓީތަކުން ވެސް ނަގަ އެވެ.
ނަމަވެސް މި ސަރުކާރުން ހުރިހާ އުނދަގޫ ނިންމުންތަކެއް ފުރަތަމަ އަހަރު ނިންމައިފި އެވެ. ދެން އޮތީ އެކަންކަން ރަނގަޅަށް ތަންފީޒު ކުރުމެވެ. ރައްޔިތުންނާ ގުޅޭ ފައިދާ ވާނެ ބޮޑެތި އެހެން މަޝްރުއުތައް ހިންގައި ރައްޔިތުންގެ އިތުބާރު ހޯދަން އަދި ހަތަރު އަހަރު އެބައޮތެވެ.