16 ނޮވެމްބަރ 2024 - 13:23

އުރީދޫ މޯލްޑިވްސްއިން ބާއްވާ އެންމެ ފޯރިގަދަ ދުވުން ކަމަށްވާ ފަން ރަންގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިރޭ ހަމަވާނެ އެވެ.

މި ދުވުން އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭގަ އެވެ. އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް މި ދުވުމަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

އުރީދޫގެ ފަން ރަން އަކީ ކޮންމެ އަހަރަކު ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 5،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
ފަން ރަންގައި އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވާނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ސްޓޭޝަންތަކުގައި ކުލަ އާއި ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި ނުވަތަ ދުވެފައި ނުވަތަ ނަށަމުން ވެސް މި ދުވުން ނިންމިދާނެ އެވެ. އުރީދޫ ފަން ރަންގެ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ހުރެ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭއިރު، އޭގެ އަގަކީ 100ރ. އެވެ. އަދި 210ރ. ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަހަކާއި އައިނު އަދި ބަންޑާނާ ހިމެނެ އެވެ.
އުރީދޫން ކޮންމެ އަހަރަކު ދަނީ މި ދުވުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ބާއްވަމުންނެވެ.