ފުޓްބޯޅައިގެ ފޯރި އަލުން ގެންނާނެ މުބާރާތް؛ ގޯލްޑް ކަޕްގެ ގުރު ނެގުން މިރޭ
ފުޓްބޯޅައިގެ ފޯރި އަލުން ގެންނާނެ މުބާރާތް؛ ގޯލްޑް ކަޕްގެ ގުރު ނެގުން މިރޭ

ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމުގެ މުސަދުގައި ނައިންޓީ ޕްލަސްއިން ބާއްވާ ގޯލްޑް ކަޕްގެ ގުރު ނެގުން މިރެއަށް ތާވަލުކޮށްފި އެވެ.

މުބާރާތުގައި ވާދަކުރާ 22 ޓީމުން، ކޮންމެ ޓީމަކުން ދެ އޮފިޝަލުން ގުރު ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވާނެ ކަމަށް ނައިންޓީ ޕްލަސްއިން ބުންޏެވެ.

އަލިމަސް ކާނިވަލުގައި ހުންނަ ސިޓްރޮން ލެމަންގުރާސްގައި ބާއްވާ ރަސްމިއްޔާތު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

މި އަންނަ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 25 ގެ ނިޔަލަށް ކުރިއަށްގެންދާ މުބާރާތުގެ ހުރިހާ މެޗެއް، ޓީވީން ވަގުތުން ދައްކާނެ އެވެ. ނައިންޓީ ޕްލަސްއިން ބުނީ ގޯލްޑް ކަޕަކީ ޓީޓީން ހުރިހާ މެޗެއް ދައްކާ ރާއްޖޭގައި މިހާތަނަށް ބާއްވާ ލޯކަލް އެންމެ ބޮޑު މުބާރާތް ކަމަށެވެ.

ރަށްތަކާއި ސިޓީތަކަށް ހާއްސަކޮށް ބާއްވާ މުބާރާތުގައި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ފޯރިގަދަ ރަށްރަށުން ބައިވެރި ވެ އެވެ. ކޮންމެ ޓީމެއްގައި ރަށުން ބޭރު ދެ ކުޅުންތެރިން ޓީމުގައި ޖެހޭނެ އެވެ. ބައެއް ޓީމުތަކުން ވަނީ ބިދޭސީ ކުޅުންތެރިން ވެސް ގެނެސްފަ އެވެ. މުބާރާތް ކުރިއަށްދާނީ ގަލޮޅު ދަނޑުގަ އެވެ.

މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ނައިންޓީ ޕްލަސްގެ އިސް ހަރަކާތްތެރިޔާ އަދި ތަޖުރިބާކާރު ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗުތައް ވަގުތުން ދެއްކުމުގެ އިތުރަށް މެޗުގެ ޕްރީ މެޗު ޝޯ އާއި ޕޯސްޓް މެޗު ޝޯ ވެސް ޓީވީން ގެނެސްދޭނެ ކަމަށެވެ.

"މެޗު އެކަނި ދައްކާނީކީ ނޫން، މެޗު ފެށުމުގެ ގަޑިއެއްހާއިރު ކުރިން ޕްރީ މެޗު ޝޯ ވެސް ފަށައިގެން މެޗުތަކާ ގުޅޭ ބްރޮޑްކާސްޓް ޓީވީން ފަށާނީ،" ޝާޒް ބުނެފައި ވެއެވެ.

"މާނައަކީ މެންދުރު ފަހު ތިނަކުން ރޭގަނޑު 11 ޖަހަންދެން ޓީވީން ފުޓްބޯޅައިގެ ބޮޑު ޝޯއެއް ފެނިގެންދާނެއޭ."

މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ ހއ. ދިއްދު އާއި ހދ. ނޭކުރެންދު އާއި ރ. އަލިފުއްޓާއި ބ. އޭދަފުއްޓާއި ބ. ތުޅާދު އާއި ބ. ކެންދު އާއި ޅ. ނައިފަރާއި ޅ. ހިންނަވަރާއި ޅ. ކުރެންދު އާއި މާލެ އާއި މާފުއްޓާއި ހުރާ އާއި ކ. ގުރައިދޫ، އއ. ތޮއްޑު އާއި ފ. ނިލަންދު އާއި ދ. މީދު އާއި ދ. ކުޑަހުވަދު އާއި ތ. ތިމަރަފުއްޓާއި ގއ. ދެއްވަދޫ އާއި ގދ. ފަރެސްމާތޮޑާ އާއި ފުވައްމުލައް އަދި އައްޑޫ އެވެ.