ދަރަނި މެނޭޖް ނުކުރެވުނީ ފިޔަވަޅު އެޅުން ލަސްވުމުން: އޮޑިޓް އޮފީސް
ދަރަނި މެނޭޖް ނުކުރެވުނީ ފިޔަވަޅު އެޅުން ލަސްވުމުން: އޮޑިޓް އޮފީސް

ދަރަނީ މެނޭޖް ނުކުރެވުނީ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓެޖީތަކާ އެއްގޮތަށް ފިޔަވަޅުތައް އެޅުން ލަސްވުމުން ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

ދަރަނި މެނޭޖް ނުކުރެވުނީ ފިޔަވަޅު އެޅުން ލަސްވުމުން: އޮޑިޓް އޮފީސް
ދަރަނި މެނޭޖް ނުކުރެވުނީ ފިޔަވަޅު އެޅުން ލަސްވުމުން: އޮޑިޓް އޮފީސް

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީއަށް އޮޑިޓް އޮފީހުން ދިން ލަފާގައި ބުނެފައިވަނީ ދަރަނި ބޮޑުވާ މައްސަލަ ހައްލުކުރަން ސްޓްރެޓެޖީތަކާ އެއްގޮތަށް އަމަލު ކުރަންވާނެ ކަމަށެވެ. އަދި ހަރަދުތައް ކުރަމުން އަންނަނީ ދެމެހެއްޓެނިވި ނިޒާމެއްގައި ނޫން ކަމަށާއި ހުރިހާ ދާއިރާއަކުން ވެސް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރަން ޖެހޭ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

"ބައެއް ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ބަޖެޓް ކުރި މިންވަރަށް ވުރެ އިތުރަށް ހަރަދު ހިނގާ ކަމާއި ބަޖެޓުގައި ހިމެނިފައިވާ ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް އަހަރު ތެރޭގައި ހިންގިފައި ނުވާ ކަން ނޫނީ ފައިނޭންޝަލް ޕްރޮގްރެސްއެއް ނުފެންނަ ކަން ފާހަގަ ކުރެވޭ،" އޮޑިޓް އޮފީހުގެ ޑިރެކްޓަރު ޝާން ވިދާޅުވި އެވެ.

އަންނަ އަހަރަށް 57 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރަން މަޖިލީހަށް ފޮނުވާފައިވާއިރު، 19 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދަން ވަނީ ކަނޑައަޅައިފަ އެވެ.

"ފިސްކަލް ހާލަތާ ނުބައްދަލު މިންވަރެއްގައި ހަރަދުތައް ކުރުމުން އެކި އެކި ދާއިރަތަކުން ހަރަދުތައް ކުޑަ ކުރަން ޖެހޭ ކަން ގަބޫލު ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން ބުނީ ކުރިއަށް އޮތްތަނުގައި ވެސް ފިސްކަލް ސްޓްރެޓެޖީއާ އެއްގޮތަށް ބަޖެޓް ރޭވުން ވަރަށް މުހިއްމު ކަމަށެވެ.

އަންނަ އަހަރާއި 2026 ވަނަ އަހަރު ދައުލަތުން ދަރަނި އަނބުރާ ދެއްކުމަށް ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހޭއިރު އެ ހަރަދުތައް ކުރަން ޖެހޭނީ ބޭރު ފައިސާ އިން ކަމަށެވެ. މިއަހަރުގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި އަދި އަންނަ އަހަރު ރިޒާވްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

ބޮޑު ދަރަންޏެއް އޮތްއިރު ސޮވެރިން ޑިވަލޮޕްމެންޓް ފަންޑުގެ ބޮޑު ބައެއް ވޭތުވެދިޔަ އަހަރުތަކާއި މިއަހަރު ވެސް ޓީބިލްގައި އިންވެސްޓްކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. އެހެންވެ، މިވަގުތު އެ ފަންޑުގެ އިންވެސްޓްމެންޓްތައް ހުރީ ދަރަނި އަދާކުރަން ދަތިގޮތަކަށް ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

ސޮވަރިން ޑިވަލޮޕްމެންޓް ފަންޑުގައި 8.5 ބިލިއަން ރުފިޔާ ހުރިއިރު އޭގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ހުރީ ޓީބިލްގައި އިންވެސްޓްކޮށްފަ އެވެ.