14 ނޮވެމްބަރ 2024 - 11:57

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބުގައި ބައެއް ކެންޑިޑޭޓުން ނުހިމަނާ ލިސްޓް ނެރުނު މައްސަލަ ބޮޑުވެ، ކެންޑިޑޭޓުންގެ ލިސްޓް އަލުން މުރާޖާކުރަން ނިންމައިފި އެވެ.
ސޯޝަލް މީޑިއާގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ކުރިމަތިލާ ޝަނީޒް ހާޝިމްގެ ކެމްޕެއިން ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ އިންތިހާބަކާ ނުލައި އެ ދާއިރާއަށް ކުރިމަތިލި އެހެން ކެންޑިޑޭޓަކަށް އެ ދާއިރާގެ ރައީސްކަން ދީފައިވާތީ އޭނާގެ ޓީމުން ކުރަމުން އައި މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ބައެއް ފަރާތްތަކުން ވެސް ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުން ދަނިކޮށް ޕީއެންސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުންގެ ލިސްޓުގައި އިދާރީ މައްސަލަތަކެއް ހުރިކަން ފާހަގަވާ ކަމަށެވެ.
އެހެންވެ، އެ މައްސަލަތައް ހައްލުކުރުމަށް ލިސްޓް މުރާޖާ ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތަށް ފަހު ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުންގެ ފުރިހަމަ ލިސްޓް އަންނަ ހޮނިހިރު ދުވަހު އާންމު ކުރާނެ ކަމަށް ޕީއެންސީން ބުންޏެވެ.
އެ އިންތިހާބަކީ މިހާތަނަށް ޕާޓީއެއްގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބެވެ. އެ އިންތިހާބުގައި 2،095 މަގާމަކަށް މީހުން އިންތިހާބު ކުރާނެ އެވެ.
އޭގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނެ އެވެ. ދާއިރާތައް ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައަޅާފައިވާ އުސޫލުންނެވެ. އަދި އެ ދާއިރާއެއްގައި ޕީއެންސީގެ މަޖިލިސް މެމްބަރަކު ހުރެއްޖެނަމަ، ދާއިރާގެ ރައީސްކަން އޮޓޯއިން ލިބޭނީ އެ މެމްބަރަކަށެވެ.
ދާއިރާތަކުގެ ރައީސުންގެ މަގާމަށް ކުރިމަތިލާ މީހުން އެ ޕާޓީއަށް އަލަށް 50 މެމްބަރުން ވައްދަން ޖެހޭއިރު، ނައިބު ރައީސް ކަމަށް ކުރިމަތިލާ މީހުން އަލަށް 25 މީހުންގެ ޕާޓީއަށް ވައްދަން ފޯމް ހުށަހަޅަން ޖެހެ އެވެ. ޕީއެންސީގެ އަމާޒަކީ އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަށް ހެދުމެވެ.