14 ނޮވެމްބަރ 2024 - 09:15

ރައީސް ޑރ. މުހައްމަދު މުއިއްޒު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ ކޮޕް ސަމިޓުގެ ހަވާސާގައި ބޭއްވެވި އެ ބައްދަލުވުމުގައި ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވުމާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމުގެ މުހިއްމުކަން މި ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ކުދި ގައުމުތަކުގެ މައްސަލަތަކަށް ވަކާލާތުކުރުމުގައި އދ. އިން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް ރައީސް ވަނީ އެ ޖަމިއްޔާއަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ކުދި ގައުމުތަކުގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް އދ. އިން ކުރާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެ މަސައްކަތުގައި ބައިނަލްއަގުވާމީ މާލީ އިދާރާތައް ޝާމިލުކުރުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށް އޭނާ އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގުޓެރޭޒްގެ އިތުރުން ރައީސް ވަނީ އޭއައިއައިބީގެ ރައީސް އަދި ބޯޑް އޮފް ޑިރެކްޓާސްގެ ޗެއާ ޖިން ލީޗުންއާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ ރާއްޖެއިން އެކުލަވާލަމުން އަންނަ ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓަ ޕްލޭން ފަދަ ދުރު ރާސްތާއަށް އެކަށައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އެ ބޭންކުގެ މުހިއްމުކަމަށް ވިދާޅުވެފަ އެވެ.