06 މާޗް 2017 - 14:06

ލޮސް އެންޖަލްސް (މާޗް 6) - ސައްހަ ވިސާގައި އެމެރިކާ އަށް ދަތުރުކުރި އަފްޣާނިސްތާނުގެ އާއިލާއެއް އެމެރިކާ އިން އެތެރެވި ތަނުން ހިފަހައްޓައިފި އެވެ.
ދެމަފިރިއަކާއި އެ މީހުންގެ ތިން ކުދިން ލޮސް އެންޖަލިސް އެއާޕޯޓަށް ފޭބުމާ އެކު އެ މީހުން ވަނީ ބަންދުކޮށްފަ އެވެ. އެ މީހުންގެ އަތުގައި ސްޕެޝަން އިމިގްރަންޓް ވިސާ ވެސް އޮތެވެ. އަފްޣާނިސްތާނަކީ އެމެރިކާ އަށް ވަނުން، ޖެނުއަރީ މަހު މަނާ ކުރި ހަތް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއް ނޫނެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އެ އަމުރު ވަނީ ކޯޓުން ހުއްޓުވައިފަ އެވެ.
ސްޕެޝަލް އިމިގްރަންޓް ވިސާ އަކީ އެމެރިކާ ސިފައިންނަށް ޑްރައިވަރުންނާއި ބަސް ތަރުޖަމާ ކޮށްދިނުމާއި އެނޫންވެސް ގޮތްތަކަށް އެހީތެރިވެދީފައިވާ އިރާގު އަދި އަފްޣާނިސްތާން މީހުންނަށް ދޫކުރާ ޚާއްސަ ވިސާ އެކެވެ.
އަފްޣާނިސްތާނުގެ އާއިލާ ދޫކޮށްލުމަށް އެދި ވަނީ އިންޓަނޭޝަނަލް ރެފިއުޖީ އެސިސްޓެންސް ޕްރޮޖެކްޓުން ކެލިފޯނިއާގެ ޑިސްޓްރިކްޓް ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. ރެފިއުޖީ އެސިސްޓެންސް ޕްރޮޖެކްޓުން ބުނީ އަފްޣާން އާއިލާ ހައްޔަރުކޮށްފައި ވަނީ އެއްވެސް އިންސާފަކުން ނޫން ކަމަށާއި އެއީ ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަފްޣާން އާއިލާ އެކެހެރި ކުރި އިރު އެ މީހުންނަށް ގާނޫނީ ވަކީލަކާ ބައްދަލު ކުރުމުގެ ފުރުސަތާއި އެ މީހުން ހައްޔަރު ކުރި ސަބަބު ވެސް ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން (ސީބީޕި) އިން އަންގާފައި ނުވާ ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.
އިންޓަނޭޝަނަލް ރެފިއުޖީ އެސިސްޓެންސް ޕްރޮޖެކްޓުގެ ޑިރެކްޓަރު ބެއްކާ ހެލާ އޭޕީ އަށް ވިދާޅުވީ އަފްޣާން އާއިލާގެ ފިރިހެން މީހާ ބަންދުކޮށްފައި ވަނީ ކެލިފޯނިއާގެ ވަރަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ޖަލެއްގައި ކަމަށެވެ. އަދި އޭނާގެ އަންހެނުންނާއި ހަތް އަހަރާއި ހަ އަހަރު އަދި އަށް މަހުގެ ތިން ކުދިން ވެސް ފުރަތަމަ ގެންދިޔައީ އެ ޖަލަށް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މީހުން ފަހުން ވަނީ ހޮޓަލަކަށް ބަދަލުކޮށްފަ އެވެ.
އަފްޣާން އާއިލާގެ ދިފާއުގައި މަސައްކަތް ކުރާ ވަކީލަކު ބުނީ ސްޕެޝަލް އިމިގްރަންޓް ވިސާ އޮތް ބަޔަކު ހައްޔަރު ކުރުމަކީ ވަރަށް އާދަޔާޚިލާފު ކަމެއް ކަމަށެވެ.