13 ނޮވެމްބަރ 2024 - 11:20

އަންނަ އަހަރު ދައުލަތުގެ ދަރަނި 150 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޖެޓުގައިވާ ގޮތުން މިއަހަރު ނިމޭ އިރު ޖުމްލަ ދަރަނި 139 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ކުރިއަށް އޮތް އަހަރުތަކުގައި ރާވާފައިވާ ޑެފިސިޓް ބަޖެޓުތައް ފައިނޭންސް ކުރުމަށާއި ދަރަނި ރީފައިނޭންސް ކުރުމަށް ހޯދަން ޖެހޭ ފައިސާ އިތުރުވާނެތީ، ކުރިއަށް އޮތް ތަނުގައި ވެސް ދައުލަތުގެ ދަރަނި އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އަންނަ އަހަރު ޖުމްލަ ދަރަނި 150 ބިލިއަން ރުފިޔާއަށް އަރާއިރު ސީދާ ދަރަނީގެ އަދަދު 138 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ދައުލަތުގެ ޖުމްލަ ދަރަނީގައި ދައުލަތުން ގެރެންޓީ ދީފައިވާ ލޯނުތައް ވެސް ހިމެނޭނެ އެވެ. އެހެންވެ، އަންނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުންނާނީ 124 ޕަސެންޓުގަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ދައުލަތުގެ ސީދާ ދަރަނި، ޖީޑީޕީގެ ނިސްބަތުން 95 ޕަސެންޓަށް ވުރެ ދަށްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އެ މިންވަރަށް ދަރަނި ދަށްކުރަން އިސްލާހީ ފިޔަވަޅުތަކާއި ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ޖީޑީޕީގެ ނިސްބަތުން ދަރަނި ކުޑަ ނުކުރެވިއްޖެ ނަމަ، ބަޖެޓާއި އާމްދަނީގެ ނިސްބަތުން ހަރަދު މެނޭޖު ކުރަން އުނދަގޫވާނެ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހިންގުމާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިތައް ކުރިމަތިވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.