ތައިލެންޑް ޕަވާލިފްޓިން މުބާރާތުން ރާއްޖޭގެ އެތުލީޓުންނަށް ބޮޑެތި ކާމިޔާބީތަކެއް
ތައިލެންޑް ޕަވާލިފްޓިން މުބާރާތުން ރާއްޖޭގެ އެތުލީޓުންނަށް ބޮޑެތި ކާމިޔާބީތަކެއް

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބޭއްވި ތައި އެމެޗުއާ އެސޯސިއޭޝަން އޮފް ޕަވާލިފްޓިން (ޓާޕް) ގައުމީ ކޮލިފައިން މުބާރާތުން ރާއްޖޭގެ ފަސް އެތުލީޓަކު ބޮޑެތި ކާމިޔާބީތަކެއް ހޯދައިފި އެވެ.

ރާއްޖޭން ބައިވެރިވި ފަސް އެތުލީޓުން ކަމަށްވާ ޟަމްސާ ހުސެއިން މުހައްމަދާއި، އާދަމް މިބްސާމް ސަލީމާއި، މީކާއިލް އިބްރާހީމް ޝަރީފާއި، އިމްކާން އިބްރާހިމް އަދި، ހުސެއިން ޒައިދާން ޖަލީލް ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އޮންނަ ޓާޕްގެ ގައުމީ މުބާރާތަށް ކޮލިފައިވެފަ އެވެ.

މީގެ ތެރެއިން ޟަމްސާ ވަނީ އޭޝިއަން ޗެމްޕިއަންޝިޕަށް ކޮލިފައިވާން އޮންނަ ބަރުދަނަށް، ބަރު އުފުލައިފަ އެވެ. އަދި މިބްޝާން އާއި އިމްކާން ވަނީ އޭޝިއަން ޗެމްޕިއަންޝިޕާއި، ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވާން އުފުލަންޖެހޭ ވަރަށް ބަރު އުފުލައިފަ އެވެ.

މި މުބާރާތުގައި ކޮންމެ އެތުލީޓަކު ވެސްތިން ވައްތަރެއްގެ ބަރު އުފުލަން ޖެހެ އެވެ. އެއީ ސްކޮޓް، ބެންޗު، އަދި ޑެޑްލިފްޓް އެވެ.

ރާއްޖޭން އެންމެ ބޮޑު ކާމިޔާބެއް ހޯދީ ޟަމްސާ އާއި މިބްސާލް އެވެ. މީގެ ތެރެއިން 69 ކިލޯގެ އޯޕަން ކެޓަގަރީން ޖުމްލަ 357.5 ކިލޯ އުފުލައިގެން ޟަމްސާ ވަނީ ކެޓަގަރީން އެއް ވަނަ ހޯދައިފަ އެވެ.

ބިމްސާލް ވަނީ 66 ކިލޯގެ ޖޫނިއާ ކެޓަގަރީގައި ވާދަކޮށް ޖުމްލަ 540 ކިލޯ އުފުލައިގެން އެއް ވަނަ ހޯދައިފަ އެވެ.

ރާއްޖޭން ދެން ވާދަކުރި އެތުލީޓުންގެ ތެރެއިން މިކައިލް ވަނީ 66 ކިލޯ އޯޕަން ކެޓަގަރީގައި ވާދަކޮށް 480 ކިލޯ އުފުލައިގެން ދެ ވަނަ ހޯދައިފަ އެވެ.

އިމްކާން ވަނީ 74 ކިލޯ ޖޫނިއާ ކެޓަގަރީގައި ވާދަކޮށް ޖުމްލަ 500 ކިލޯ އުފުލައިގެން ތިން ވަނަ ހޯދައިފަ އެވެ.

ރާއްޖޭގެ ޓީމުގައި ހިމެނުނު ޒައިދާން ވަނީ 93 ކިލޯ އޯޕަން ކެޓަގަރީން 597.5 ކިލޯ އުފުލައިގެން ހަތަރު ވަނަ ހޯދައިފަ އެވެ. މިއީ މި މުބާރާތުގެ އެންމެ ވާދަވެރި އަދި ކާމިޔާބު ހޯދަން އެންމެ އުނދަގޫ ކެޓަގަރީ އެވެ.

ޕަވާލިފްޓިން އަންނަނީ ރާއްޖޭގެ ޒުވާނުންގެ މެދުގައި މަގުބޫލުވަމުންނެވެ. އަދި ރާއްޖޭގެ ނުވަ އެތުލީޓަކު ވަނީ އިންޓަނޭޝަނަލް ޕަވާލިފްޓިން އެސޯސިއޭޝަން ގަބޫލުކުރާ މުބާރާތުގައި ބައިވެރިވެ ވަނަ ހޯދައިފަ އެވެ.