06 މާޗް 2017 - 11:31

ޓިއުރިން (މާޗް 6) - އިޓަލިއަން ލީގުގައި ރޭ ލިއޮނާޑޯ ބޮނޫޗީ ދެ ވަނަ ހާފްގައި ޖެހި ލަނޑުން 1-1 އިން އެއްވަރުކޮށް އުދިނޭޒީ އަތުން ބަލިނުވެ ޔުވެންޓަސް ސަލާމަތްވެއްޖެ އެވެ.
ލީގުގެ ދެ ވަނައިގައި އޮތް ރޯމާ ހޮނިހިރު ދުވަހުގެރޭ ނަޕޯލީ އަތުން ބަލިވުމުން ރޭގެ މެޗުން މޮޅުވެ ޔުވެންޓަސް އަށް ލީގުގެ ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އޮތެވެ. އެހެން ނަމަވެސް މި މެޗުން އެއްވަރުވެ ޔުވެންޓަސް އަށް އެ ފުރުސަތު ގެއްލުނީ އެވެ.
ޔުވެންޓަސް ލީގުގެ އެއް ވަނައިގައި އޮތީ 27 މެޗުން 67 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރޯމާ އަށް ލިބިފައިވަނީ 27 މެޗުން 59 ޕޮއިންޓެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ޔުވެންޓަސް އަށް ގިނަ އުނދަގޫތަކެއް ކުރިމަތިވި އެވެ. އަދި މި ހާފް އުދިނޭޒީ އިން ނިންމާލީ ލީޑުގައި އޮވެ އެވެ. މެޗުގެ 37 ވަނަ މިނިޓްގައި އުދިނޭޒީ އަށް ލަނޑު ޖަހައިދިނީ ޑުވާން ޒަޕާޓާ އެވެ.
ޔުވެންޓަސް އަށް އެއްވަރުކޮށްދިން ލަނޑު މެޗުގެ 60 ވަނަ މިނިޓްގައި ބޮނޫޗީ ކާމިޔާބުކުރީ އެ ޓީމުގެ ޕައޮލީ ޑީބަލާ ލިބުނު ހިލޭ ޖެހުމަކުން ނަގައިދިން ހުރަހަކުންނެވެ.
ރޭގެ މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ވަނީ އުދިނޭޒީން ދެއްކި ކުޅުމަށް ތައުރީފްކޮށްފަ އެވެ.
"މި ސީޒަނުގައި ވަރަށް ގިނަ ޓީމުތަކުން ޔުވެންޓަސްއާ ދެކޮޅަށް ކުޅުނީ ޑިފެންސިވް ގޭމެއް. އެކަމަކު އުދިނޭޒީން ހިތްވަރާ އެކު ސާބިތުކޮށްދީފި ޔުވެންޓަސްއާ ދެކޮޅަށް އެޓޭކިން ގޭމެއް ވެސް ކުޅެވޭނެކަން،" އަލެގްރީ ބުންޏެވެ.
އޭނާ ބުނީ މޮޅުނުވެވުނު ނަމަވެސް މެޗު ދިޔަގޮތަށް ބަލާއިރު ޕޮއިންޓެއް ލިބުމުން ވެސް ހިތްހަމަ ޖެހޭ ކަމަށެވެ.
މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޮލޯނިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ލީގު މެޗަކުން ޔުވެންޓަސް އެއްވަރުވި ފުރަތަމަ ފަހަރެވެ.
އިޓަލިއަން ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ރަށުންބޭރުގައި އިންޓަ ވަނީ 5-1 އިން ކަލިއަގްރީ ބަލިކޮށްފަ އެވެ. އެޓަލަންޓާ އާއި ފިއޮރެންޓީނާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ބޮލޯނިއާ އަތުން ލާޒިއޯ ވަނީ 2-0 އިން މޮޅުވެފަ އެވެ.