އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ތަނަވަސްކަމަށް ބަލައިގެން ދޭ ގޮތަށް ބަދަލުކުރަނީ
އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ތަނަވަސްކަމަށް ބަލައިގެން ދޭ ގޮތަށް ބަދަލުކުރަނީ

އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ދިނުމުގެ އުސޫލު ބަދަލުކޮށް، މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އެ އިނާޔަތް ދޭ ގޮތަށް އެ ސްކީމަށް ބަދަލު ގެންނަން ނިންމާފައިވާ ކަަން ސަރުކާރުން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވެ، އެކަމަށް ކުރަންޖެހޭ ހަރަދުތައް އިތުރުވަމުންދާ ކަމަށެވެ. އަދި ރިޓަޔަމެންޓް އިނާޔަތް ދޭންޖެހޭ މުވައްޒަފުން ގިނަވެ، 65 އަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތަށް ކުރަންޖެހޭ ހަރަދު އިތުރުވާ ކަމަށް ބަޖެޓުގައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މިދިޔަ އަހަރު އުމުރުން ދުވަސްވީ މީހުންނަށް ދޭ އެލަވަންސަށް 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ވަޒީފާއިން ރިޓަޔާކުރާ ފަރާތްތަކަށް ބަޖެޓުން 298 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ވާއިރު، އަންނަ އަހަރު 1.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދެމެހެއްޓެނިވި ގޮތުގައި ޕެންޝަން ނިޒާމު ކުރިއަށް ގެންދިއުމަށް ގިނަ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.އެގޮތުން މުއައްސަސާތަކުން ޕެންޝަނަށް ދޭ އަދަދުތަކުގެ ފަރަގުތައް ނައްތާލުމާއި އެއް ހަމައަކުން އިނާޔަތްތައް ދޭން ނިންމަން ވަނީ ނިންމައިފަ އެވެ.

އަލަށް ރިޓަޔަވާ ފަރާތްތަކަށް ހަމަހަމަ އުސޫލެއްގެ ދަށުން ޕެންޝަންގެ އިނާޔަތްތައް ދިނުމަށްޓަކައި ގެންނަން ޖެހޭ ގާނޫނީ ބަދަލުތައް އެކުލަވައިލުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި 65 އަހަރުން މަތީގެ މީހުންނަށް ދޭ ބޭސިކް ޕެންޝަން އިނާޔަތް ވެސް ފޯރުންތެރި ކަމަށް ބަލައިގެން އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ދޭ ގޮތަށް އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ބަދަލުތަކެއް ގެންނާނެ ކަމަށް އެ މިނިސްޓްރީން ބަޖެޓުގައި ބުނެފައިވެ އެވެ.

އެ ބަދަލުތަކާއެކު، ޕެންޝަންގެ އިނާޔަތް ބަދަލުވާނީ ޓާގެޓް ޕެންޝަން ނިޒާމަކަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.