12 ނޮވެމްބަރ 2024 - 11:43

ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް29) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އަޒަރުބައިޖާންގެ ބާކޫ އަށް މިއަދު ވަޑައިގަންނަވައިފި އެވެ.
ރައީސް އަޒަރުބައިޖާނަށް މި ވަޑައިގަތީ ފަލަސްތީނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާއި ޖަރީމާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާ އިން އިސްނަގައިގެން އެ ގައުމުގައި ބޭއްވި ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ވެސް ބައިވެރިވެވަޑައިގަތުމަށް ފަހު އެވެ. އެ ސަމިޓުގައި އެ މަނިކުފާނު ރޭ ތަގުރީރު ކުރެއްވި އެވެ.
މިއަދުން ފެށިގެން މި މަހުގެ 22 އަށް އަޒަރުބައިޖާންގައި ބާއްވާ ކޮޕް 29 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެ ގައުމަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ އަޒަރުބައިޖާންގެ ސަރުކާރުގެ އިސް އޮފިޝަލުންނެވެ.
ކޮޕް ސަމިޓުގައި ރައީސް މުއިއްޒު ތަގުރީރު ކުރައްވައި، މަތީ ފަންތީގެ އެކިއެކި އިވެންޓުތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ބައެއް ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކޮޕް29ގެ އެޖެންޑާގައި ހިމެނޭ ކަންކަން:
- އެންހޭންސްޑް ޓްރާންސްޕޭރެންސީ ނެޓްވޯކް ފުރިހަމަކުރުން
- ހުރިހާ މެމްބަރުން ހިއްސާކުރާ މާލީ އާ ލަނޑުދަނޑިއެއް ކަނޑައެޅުން
- ބައިނަލްއަގުވާމީގޮތުން އެއްބާރުލުންދިނުން އިތުރުކުރުން
- ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ތަރައްގީ ކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކާ މެދު މަޝްވަރާކުރުން
ކޮޕް29 ބައްދަލުވުމަކީ ރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލުމަށް ފުރުސަތު ލިބޭ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށް ސަރުކާރުން ބުންޏެވެ.
ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރު ބޭއްވި ކޮޕް 28ގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
އެ ސަމިޓުގައި ރައީސް ވަނީ މޫސުމީ ބަދަލުތަކާ އެކު، ރާއްޖެ އަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ރާވާފައި ހުރި މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.