12 ނޮވެމްބަރ 2024 - 10:33

ކޮންމެ ރަށެއްގެ ކައުންސިލަކުން ދެ މެމްބަރުން ވަކިކޮށްގެން ދައުލަތުގެ ބަޖެޓް ކުޑަ ނުކުރެވޭނެ ކަމަށާއި އޭގެ ބަދަލުގައި އިންތިހާބު ނުކޮށް މަގާމުތައް ދީފައިވާ މީހުންގެ އަދަދު މަދުކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ލާމަރުކަޒި ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން "ލާމަރުކަޒީ ރާއްޖެ" ނަމުގައި ރޭ ބޭއްވި ކައުންސިލަރުންގެ ހަރުގެ ޖަލްސާގައި ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު ނިޔާޒު ވަނީ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލްތަކާ ގުޅިގެން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދު ދެއްވައިފަ އެވެ.

ނިޔާޒު ވިދާޅުވީ ކައުންސިލުތަކަށް އާއިލާގެ މީހުން ހޮވާފައި ތިއްބަސް އެއީ އިންތިހާބު ކާމިޔާބުކޮށްގެން އެ މީހުންނަށް ލިބުނު މަގާމެއް ކަމަށެވެ.
"ވަރަށް ފާޑަކަށް ރައީސް ކައުންސިލަރުން މުހާތަބުކޮށް ވާހަކަ ދެއްކެވީ. ދެން ކައުންސިލަރުން އެއްވެސް ބައެއް ނޫން ގޮތަށް. 100 މީހުންގެ އަބާދީގައި ވެސް ތިބެއޭ 5 މެމްބަރުން. އޭގެ ތެރެއިން ގިނަ މީހުންނަކީ މަންމަ އާއި ބައްޕަ އާއި ކޮއްކޮއޭ،" ރައީސަށް ރައްދު ދެއްވަމުން ނިޔާޒު ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވި ގޮތުގައި މި ސަރުކާރުން 3،000 އެއްހާ މީހުންނަށް ވަޒީފާ ދީފައި ވަނީ އިންތިހާބަކާ ނުލަ އެވެ. އެ މީހުންނަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އަޅުގަނޑު މި ދަންނަވަނީ އިންތިހާބުކޮށްފައި ތިބި ބަޔަކަށް އެހާ ވަރަށް އެއްޗެހި ގޮވަން ޖެހޭ ސަބަބަކީ ކޮބާތޯއޭ." ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވި ގޮތުގައި ރަށްރަށުގައި ތިބެން ޖެހޭ ކައުންސިލަރުންގެ އަދަދު މިހާރު ވެސް ކަނޑައަޅާފައި އޮތީ އާބާދީއަށް ބަލައިގެންނެވެ.
މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ އާބާދީ ކުޑަ، ބ. ފެހެންދޫގައި ކައުންސިލަރުން ތިބޭ އަދަދަށް ވުރެ ރ. ދުވާފަރު ކައުންސިލާއި މާލޭ ސިޓީ ކައުންސިލުގައި މެމްބަރުންގެ އަދަދު ގިނަވާނެ ކަމަށެވެ.
އެހެންވެ، ކައުންސިލުތަކުން ދެ މެމްބަރުން އުނިކޮށްގެން 30،000ރ. މަދުކުރެވުނަސް ރައީސް އައްޔަން ކުރައްވާފައިވާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އަދަދު މަދުކޮށްގެން އެ މީހުންނަށް ލިބޭ ބޮޑު މުސާރައިން ގިނަ އަދަދެއްގެ ފައިސާ ސަލާމަތްކުރެވެނޭ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
އެކަމަކު ސަރުކާރުން އެ މީހުންގެ އަދަދު މަދުނުކޮށް މަސައްކަތްކުރަނީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަތުމަށް ކަމަށް ނިޔާޒު ވިދާޅުވި އެވެ.
ނިޔާޒު ވަނީ މިސަރުކާރުން ކައުންސިލުތަކުގެ ބަޖެޓު ކުޑަ ކުރުމުން ވެސް ފާޑުވިދާޅުވެފަ އެވެ. ކައުންސިލްތަކަށް އަމިއްލައަށް ރަށްރަށުގެ މަޝްރުއުތައް ކުރިއަށް ގެންދަން އެކަށޭނެ ބަޖެޓެއް ދޭން ޖެހޭ ކަަމަށް ވިދާޅުވި އެވެ.
ސަރުކާރުން ކުރަމުން އަންނަ ކަންކަމަށް ފާޑުވިދާޅުވެ ނިޔާޒު ވިދާޅުވީ ކެމްޕެއިން ދުވަސްވަރު ރައީސް ވަނީ 186 ރަށަށް ވަޑައިގެން، އެ ރަށްރަށުގެ މީހުންނަށް ކަންތައްތައް ކޮށްދޭން ވައުދުވެވަޑައިގެންފައި ކަމަށެވެ. އެކަމަކު ސަރުކާރަށް އަހަރެއް ފުރުނު ދުވަހު ހަތް ރަށެއްގައި އާބަން ސެންޓަރު ގާއިމުކުރަން ނިންމައި، 500 އަށް ވުރެ އާބާދީ މަދު ރަށްރަށުން ބޮޑެތި އާބާދީ އޮންނަ ރަށްތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުދި ރަށްތަކުގެ މެޖޯރިޓީ ހޯދީ އެގޮތަށް ނަމަވެސް މި ކަންކަމަކީ މެނިފެސްޓޯގައި ލިޔެ، ކެމްޕެއިންގައި އިއުލާންކުރަން ޖެހޭ ކަންކަން ކަމަށެވެ. ރާއްޖެ ތަރައްގީކުރަން ވާނީ ގުދުރަތީ ގޮތުން ރާއްޖެ އޮތް ގޮތަށް ވިސްނައިގެން ކަމަށާއި ރާއްޖެ ގުދުރަތީ ގޮތުން އުފެދިފައި އޮތީ ލާމަރުކަޒީ އުސޫލުން ހިންގޭ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.