11 ނޮވެމްބަރ 2024 - 23:13

ސައުދީ ފަންޑް ފޯ ޑިވޮލޮޕްމެންޓާ އެކު ރާއްޖޭން ގުޅުން ބަދަހިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ކޯޕަރޭޝަންގެ ސީއީއޯ އަބްދުލްރަހްމާން އަލްމަރްޝަދާ އެކު މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުވުން އޮތީ ފަލަސްތީނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާއި ހިންގަމުންދާ ޖަރީމާތަކާ ގުޅޭ ގޮތުން ސައޫދީ އަރަބިއްޔާއިން އިސްނަގައިގެން އެ ގައުމުގައި ބާއްވާ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގެ ހަވާސާގަ އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ސައުދީ ފަންޑާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން ކަމަށެވެ.
މީގެ އިތުރުން ސައުދީ ފަންޑުގެ އެހީގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތާއި އުމްރާނީ އެހެން މަޝްރޫއުތައް ކުރިއަށްދާ ގޮތުގެ ތަފްސީލްތަކާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މި މަޝްރޫއުތައް އަވަހަށް ނިންމުމަށް ދެ ފަރާތުން ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އިގްތިސާދީ އަދި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެކުގައި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ސައުދީ ފަންޑުން ދީފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.