ގްރީޒްމަން އެތުލެޓިކޯ ހަތަރު ވަނަ އަށް ގެންގޮސްދީފި
ގްރީޒްމަން އެތުލެޓިކޯ ހަތަރު ވަނަ އަށް ގެންގޮސްދީފި

މެޑްރިޑް (މާޗް 6) - ސްޕެނިޝް ލީގުގައި ރޭ އެންޓޮއިން ގްރީޒްމަންގެ ލަނޑުތަކާ އެކު 3-0 އިން ވެލެންސިއާ ބަލިކޮށް އެތުުލެޓިކޯ މެޑްރިޑް ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ސީޒަންގެ ކުރީކޮޅު ލީގުގައި އެތުލެޓިކޯގެ ފޯމު ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ. އެ ޓީމު ފޯމަކަށް އެޅި ކުޅުން ރަނގަޅުވާން ފެށީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެންނެވެ. ރޭގެ މޮޅާ އެކު އެތުލެޓިކޯ ލީގުގެ ހަތަރު ވަނަ އަށް ޖެހިލީ 26 މެޗުން 49 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގައި އެތުލެޓިކޯ މޮޅުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގްރީޒްމަން އެވެ. ގްރީޒްމަން ވަނީ ރޭގެ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. މި ލަނޑުތަކާ އެކު ގްރީޒްމަން ވަނީ ސީޒަނުގައި 20 ލަނޑު ހަމަކޮށްފަ އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖެހީ ފްރާންސްގެ ފޯވާޑް ކެވިން ގަމޭރޯ އެވެ.

މި ސީޒަނަށް ފަހު ގްރީޒްމަން އެތުލެޓިކޯ ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެހެން ނަމަވެސް ރޭގެ މެޗަށް ފަހު ގްރީޒްމަން ބުނީ އޭނާގެ މުސްތަގުބަލު އޮތީ އެތުލެޓިކޯގައި ކަމަށެވެ.

އެތުލެޓިކޯ އެންމެ ފަހުން ޑިޕޯޓިވޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބޮލަށް ލިބުނު އަނިޔާގެ ސަބަބުން އެ ޓީމުގެ ފެނާންޑޯ ޓޮރޭޒް ހުރީ ކުޅުމާ ދުރު އެވެ. އެ މެޗުގައި ޓޮރޭޒްގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭނާ ދޫކޮށްލީ ސީރިއަސް އަނިޔާއެއް ނެތުމުން އޭގެ އަނެއް ދުވަހު އެވެ.

ރޭގެ މެޗު ބެލުމަށް ޓޮރޭޒް އެތުލެޓިކޯ ދަނޑަށް ދިއުމުން އެ ޓީމުގެ ސަޕޯޓަރުން ވަނީ އޭނާ އަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އޭނާ އަށް ހާއްސަކޮސް ދަނޑުގައި ބެނާތައް ވެސް ދަމާފައިވެ އެވެ.

ޓޮރޭޒް އަކީ އެތުލެޓިކޯ އެކެޑަމީން ފުޓްބޯޅަ އަށް ތައާރަފްވެ އެ ކްލަބްގެ ތާރީހުގައި އެ ޓީމުގެ ކެޕްޓަންކަންކުރި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އޭނާ އެތުލެޓިކޯ ދޫކޮށް 2007 ވަނަ އަހަރު ލިވަޕޫލާ ގުޅުމަށް ފަހު ދެ ވަނަ ފަހަރަށް އެތުލެޓިކޯ އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ.