13 ޖޫން 2016 - 14:23

ކެއާ ސޮސައިޓީގެ ދަށުން ހިންގާ ކެއާ ޑިވެލޮޕްމެންޓް ސެންޓަރުގައި ކިޔަވާ 20 ދަރިވަރެއްގެ އެއް އަހަރު ދުވަހުގެ ކިޔެވުމުގެ ހަރަދު ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ދީފި އެވެ.

މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނިން ދޭ މި އެހީގެ ޗެކް ކެއާ ސޮސައިޓީއާ ހަވާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމެވެ.
ކެއާ ޑިވެލޮޕްމެންޓް ސެންޓަރުގައި ކިޔަވާ ބައެއް ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިން ބައިވެރިވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ހަމައެކަނި ލިބޭ ފައިދާ އިތުރު ކުރުން ނޫން ކަމަށާއި އެ ފައިދާއިން، ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނޭ ކަމަށެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުން ފަދަ ކަންކަން ކުރިއަށް އޮތްތަނުގައި އެ ކުންފުނިން ކުރާނެ ކަމަށް ވިދާޅުވި އެވެ.
އެ ކުންފުނިން މިދިޔަ އަހަރު ވެސް ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެއާ ސޮސައިޓީގެ ޗެއާޕާސަން އަލީ ހަމީދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މި ފަދަ ކުދިން ބެލެހެއްޓުމަކީ އުނދަގޫ އަދި ޒިންމާބޮޑު ކަމެއް ކަމަށާއި މި އެހީއަކީ އެކަމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.
"ފަހަކަށް އައިސް އަޅުގަނޑުމެންނަކަށް ވަރަށް ނުފެނޭ ކުންފުނިތަކުން އެ މީހުންގެ އިޖުތިމާއީ ޒިންމާ އަދާ ކުރާތަން. އެކަމަކު މެޑަމް ފާތުން އެ މަސައްކަތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަން ފެއްޓެވި ފަހުން އެކަން އެބަ ފެނޭ،" އަލީ ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑަބްލިއުއެސްސީގެ މި އެހީ ބޭނުން ކުރާނީ އެތަނުގައި ހިންގާ އާލީ އިންޓަވެންޝަން ޕްރޮގްރާމަށެވެ. އަދި އެ އެހީން އެ ޕްރޮގްރާމްގެ ބޮޑުބައި ކަވަރު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.