10 ނޮވެމްބަރ 2024 - 19:08

ރާއްޖޭގައި މި އަހަރު ކުރިއަށް ގެންދިޔަ ވޯލްޑް ބޮޑީބިލްޑިން މުބާރާތުގައި ކަންބޮޑުވާ ކަންކަން ހުރުމާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުންދަނިކޮށް، ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މާފަށް އެދިއްޖެ އެވެ.
އެ މުބާރާތުގެ ފޮޓޯ އާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެ ގިނަ ބަޔަކު ފާޑުކިޔަމުން ދަނީ މިފަހުން މިސް ޔުނިވާސްގައި ދިވެއްސަކު އަމިއްލައަށް ބައިވެރިވުމާ އެކު، އެކަން ހުއްޓާލަން ގޮވާލައި ސަރުކާރުން ބަޔާން ނެރުނު މައްސަލައާ ގުޅުވަ އެވެ.
އަންހެނުންނާއި ފިރިހެނުން ހާމަކަން ބޮޑު ގޮތަކަށް ހަށިގަނޑުގެ ވަނާތައް ދައްކައިގެން ބޭއްވި ބޮޑީބިލްޑިން މުބާރާތަަށް ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ މުބާރާތް ހޮސްޓްކުރުމުގެ ފުރުސަތު ހޯދަން މަސައްކަތް ކުރީ ރާއްޖޭގެ ޕްރޮފައިލް ކުޅިވަރުގެ ދުނިޔޭގައި ވަރުގަދަ ކުރުމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދާ އާއި ޓޫރިޒަމަށް ލިބޭނެ ކުރިއެރުމަށް ވިސްނައިގެން ކަމަށެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި މިއަހަރުގެ މުބާރާތް ބޭއްވުމަށް ވަރަށް ދުރާލައި މަސައްކަތްކޮށްފައިވެ އެވެ. މި ފުރުސަތަކީ އެހެން ގައުމުތަކާއި ވާދަކޮށް ލިބުނު ފުރުސަތެއް ކަމަށް ވެސް ބުންޏެވެ.
"ވޯލްޑް ބޮޑީބިލްޑިން އެންޑް ފިސީކް ސްޕޯޓްސް ފެޑެރޭޝަނާ މި މުބާރާތް ބޭއްވުމަށް ކޮންޓްރެކްޓް ހެދުމަށް ފަހު، ދިވެހިރާއްޖޭގައި މި މުބާރާތް ބޭއްވުން ކެންސަލްކޮށްފި ނަމަ، ދިވެހިރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި ޖުމްލަ ގޮތެއްގައި ރާއްޖެއަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލިބިދާނެ ގެއްލުންތަކަށް ވިސްނުމަށް ފަހު މި އެސޯސިއޭޝަނުގެ ފަރާތުން މި މުބާރާތް ބޭއްވުމަށް ނިންމީ އެވެ،" އެ ބަޔާނުގައިވެ އެވެ.
ބޮޑީބިލްޑިން އެސޯސިއޭޝަނުން ބުނީ މި މުބާރާތް ބާއްވާފައި ވަނީ އާންމުން ދިރިނޫޅޭ، އަދި ޓޫރިސްޓުން ރާއްޖެ އައިސް އެ މީހުންގެ ވައްޓަފާޅިއާ އެއްގޮތަށް އުޅުމުގެ ފުރުސަތު ދިނުމަށް ހުއްދަ ދީފައިވާ ކެނެރީފް ރިސޯޓުގައި ކަމަށެވެ.
އެ މުބާރާތް ރައީސްގެ ތަސައްވުރާއި ސްޕޯޓްސް މިނިސްޓްރީން ދިން އިރުޝާދުގެ ދަށުން ކުރިއަށް ގެންދަން މަސައްކަތް ކުރި ކަމަށާއި އެކަމަކު އެ މުބާރާތާ ގުޅިގެން ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން މާފަށް އެދޭ ކަމަށް ބަޔާނުގައިވެ އެވެ. އަދި މުސްތަގުބަލުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.