10 ނޮވެމްބަރ 2024 - 10:57

ރާއްޖެ ތަރައްގީ ކުރުމަށް މި ސަރުކާރުން ނިންމާފައިވާ އާބަން ސެންޓަރު ތަކުގެ މަގުސަދަކީ އެއްފަސްކުރުން ކަމަށާއި އެ ތަންތަނުގައި މަދުވެގެން 10،000 އެއްހާ މީހުން ދިރިއުޅޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އާބާދީއާ އެއްފަސްކުރުމުގެ ޕްރޮގްރާމެއް ރާއްޖޭގައި ހިންގައިގެން ނޫނީ ތަރައްގީ ނުވާނެ ކަމަށެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ރަށްރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި އެފަދަ ރަށްރަށުގެ ރައްޔިތުންނަށް ސަލާމަތުން ދިރިއުޅެވޭނީ ތިމާވެއްޓާ ރައްޓެހި ރަށްތަކެއް ތަރައްގީ ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވިގޮތުގައި، އާބަން ސެންޓަރުތައް ކަނޑައެޅީ މަދުވެގެން 10،000 މީހުންގެ އާބާދީތަކަށް ބަލައިގެންނެވެ. އެ އަށް ވުރެ މީހުން އިތުރުވެއްޖެ ނަމަ އިތުރު ހިދުމަތްތައް ފުޅާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޅި ރާއްޖެ އަށް ފެތުރިފައި އޮންނަ ގޮތަކަށް ނުހަދައިފި ނަމަ އެއް އާބަން ސެންޓަރާއި އަނެއް އާބަން ސެންޓަރާ ދޭތެރޭ އޮންނަ ދުރުމިން، ދުރުވީމާ ކޮން ތަނަކުން ކޮން ހިދުމަތެއްކަން ހޯދަން ދާނީ؟ ނޫނީ ހިޖުރަ ކުރާނީ ކޮން ތަނަކަށް ކަން ކަނޑައަޅަން އުނދަގޫވާނެ. އެހެންވެ މުޅި ރާއްޖެ އަށް ބަހާލައިފައި މި އޮތީ ހަތް އާބަން ސެންޓަރު،" ހައުދަރު ވިދާޅުވި އެވެ.
"މައި ރަށުގައި މީހުން އާބާދުވެއްޖެ ނަމަ ހިދުމަތް ހޯދުމަށްޓަކައި ދަތުރުކުރާކަށް ނުޖެހޭނެ. އާބާދީ އާއި ތަރައްގީ އެއްފަސްކުރުމަކީ ކުދި ރަށްރަށުގެ ރައްޔިތުން މިފަދަ ރަށްތަކަށް ބަދަލުކުރުން."
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު-
އދ. މަހިބަދޫ
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ލ. ފޮނަދޫ
އާބަން ސެންޓަރުތައް ވާނީ ރައްޔިތުންނަށް ރައްކާތެރި ތަނަކަށް ކަމަށާއި އެ ތަންތަނުން މަތީ ތައުލީމާއި ސިއްހީ އަދި ވިޔަފާރީގެ ގިނަ ފުރުސަތުތުތަކެއް ފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީކުރާ ރަށްރަށް ކަނޑައަޅާފައިވަނީ އެ ރަށްރަށަށް މިހާތަނަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކަކީ ކޮބައިކަން ބެލުމަށް ފަހު ކަމަށް ހައިދަރު ވިދާޅުވި އެވެ.
ސިއްހީ، ތައުލީމީ ހިދުމަތްތަކާއި އުމްރާނީ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދޭ މިންވަރަށް ބަލާފައިވާނެ ކަމަށާއި ރަށް ކައިރީގައި ފަޅެއް އޮތް ނަމަ އެ ފަޅު ހިއްކައިގެން ނަމަވެސް ރަށް ބޮޑުކުރެވޭނެ ވަރު ބެލި ކަމަށް ހައިދަރު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ ދެމެހެއްޓެނިވި ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ދަށުން މާލެ އާބަން ރީޖަންގެ އިތުރުން އެންމެ މަތީ ފަންތީގެ ހިދުމަތްތައް ދިނުމަށްޓަކައި، އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭހެން ނޮދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމަނައިގެން ސަދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްގީ ކުރާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނުގައި ވެސް ވަނީ އާބަން ސަރަހައްދުތައް ތަރައްގީ ކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް އިތުރަށް ތަފުސީލް ކޮށްދީފަ އެވެ.
- ހއ. އަތޮޅު
- ހދ. އަތޮޅު
- ށ. އަތޮޅު
- ނ. އަތޮޅު
- ގއ. އަތޮޅު
- ގދ. އަތޮޅު
- ފުވައްމުލައް
- އައްޑޫ
ސަރުކާރާ ދެކޮޅު ބޭފުޅުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ސެންޓަރުތައް ގާއިމު ނުކުރާ ވާހަކައަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ކަންކަމުގެ ހަގީގަތް ނުބައްލަވައި، ނުވަތަ ހަގީގަތް އެނގިވަޑައިގެން ތިއްބަވައިގެން، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރައްވާ ކަންކަމަށް ޒިންމާވާނީ އެކަންކަން ކުރައްވާ ބޭފުޅުން ކަމަށެވެ.