09 ނޮވެމްބަރ 2024 - 22:02

ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

މީހުން އުފުލާ ލޯންޗަކާއި މަސް ބޭނުމަށް [ނައިޓް ފިޝިން އަށް ދިއުމަށް ގެންގުޅޭ ލޯންޗެއް] ޖެހި އެ ހާދިސާ ހިނގީ ހުޅުމާލެ ފަޅު ތެރޭގައި މިރޭ 7:30 ހާއިރު އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި، އެއް ލޯންޗުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވެގެން ދެ ފިރިހެނުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
"އެ މީހުން ހާލު ސީރިއަސް އެއް ނޫން، ސްޓޭބަލް. ކުދިކުދި އަނިޔާ ލިބިފައި ހުރީ. ފަހަން ޖެހޭ ތަންތަން ފަހަމުން ގެންދަނީ، ބޭސް ވެސް އަޅަމުން. އަޅުގަނޑުމެން އެކަމަކު ބަލާނެ ސީޓީ ސްކޭން އެއް ހަދައިގެން އެއްވެސް ކަހަލަ ބޮޑު އަނިޔާއެއް ލިބިފައި ހުރިތޯ،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ބެލުމަށް ފުލުހުން ގެންދަނީ ސީންގައި ހަރަކާތްތެރި ވަމުންނެވެ.