09 ނޮވެމްބަރ 2024 - 19:11

ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ހަތް އާބަން ސެންޓަރު ގާއިމްކޮށް އަދި އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭ ގޮތަށް "ނޮދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" ޒޯނަކާއި އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭހެން "ސަދަން އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް" ޒޯނެއް ކަނޑައަޅަނީ އެ މަނިކުފާނު އިއުލާން ކުރައްވާފައިވާ މެނިފެސްޓޯގައިވާ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި އެހެން ވިދާޅުވީ، އާބަން ސަރަހައްދުތަކުގެ ގޮތުގައި ތަރައްގީ ކުރަން ރައީސް ހަތް ރަށެއް ކަނޑައަޅުއްވައި ހައުސިން މިނިސްޓްރީން އެ ރަށްތަށް އިއުލާން ކުރުމާ އެކު، އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެންނެވެ.
އާބަން ސެންޓަރުތައް ގާއިމް ކުރަން ރައީސް ނިންމެވި ރަށްތައް:
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- އދ. މަހިބަދޫ
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ލ. ފޮނަދޫ
ރާއްޖޭގެ ތަރައްގީގެ ޕްލޭން ކޮށްފައިވާ ގޮތް ސާފުކޮށްދެއްވާ ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދެމެހެއްޓެނިވި ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ދަށުން މާލެ އާބަން ރީޖަންގެ އިތުރުން އެންމެ މަތީ ފަންތީގެ ހިދުމަތްތައް ދިނުމަށްޓަކައި، އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭހެން ނޮދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމަނައިގެން ސަދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްގީ ކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އާބަން ސެންޓަރުގެ ގޮތުގައި މާލެއިން އުތުރުން ތިނެއް އަދި މާލެއިން ދެކުނުން ހަތަރު އަތޮޅު ތަރައްގީ ކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.
"އަދި މިކަންކަމަކީ ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެކަށައަޅަން މަސައްކަތް ފަށާފައިވާ ތަރައްގީގެ މާސްޓަ ޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ހިޔާލާއި ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކަށަ އެޅުމަށް ގަސްދުކުރާ ކަންކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރާ ދެކޮޅު ބޭފުޅުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ސެންޓަރުތައް ގާއިމު ނުކުރާ ވާހަކައަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ކަންކަމުގެ ހަގީގަތް ނުބައްލަވައި، ނުވަތަ ހަގީގަތް އެނގިވަޑައިގެން ތިއްބަވައިގެން، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރައްވާ ކަންކަމަށް ޒިންމާވާނީ އެކަންކަން ކުރައްވާ ބޭފުޅުން ކަމަށެވެ.
ހައުސިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނުގައި ވެސް ވަނީ އާބަން ސަރަހައްދުތައް ތަރައްގީ ކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް އިތުރަށް ތަފުސީލް ކޮށްދީފަ އެވެ.
- ހއ. އަތޮޅު
- ހދ. އަތޮޅު
- ށ. އަތޮޅު
- ނ. އަތޮޅު
- ގއ. އަތޮޅު
- ގދ. އަތޮޅު
- ފުވައްމުލައް
- އައްޑޫ
އެ މިނިސްޓްރީން ބުނީ، ރައީސްގެ އުމްރާނީ ތަސައްވުރަކީ ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅާއި ދެކުނުގެ ހަތަރު އަތޮޅު ހިމަނައިގެން އުމްރާނީ ތަރައްގީގެ ސަރަހައްދެއް ތަރައްގީ ކުރުން ކަމަށެވެ.
"މި ދެ ސަރަހައްދުގައި ވެސް އެކި ރަށްރަށް އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރެވޭނެ،" ހައުސިން މިނިސްޓްްރީގެ ބަޔާނުގައި ވެ އެވެ.
އުތުރުން ހަތަރު އަތޮޅާއި ދެކުނުން ހަތަރު އަތޮޅު އާބަން ސެންޓަރުގެ ގޮތުގައި ކުރަނީ މިއަދު އިއުލާން ކުރި ހަތް ރަށުގެ ބޭރުން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.