06 މާޗް 2017 - 08:26

ކުވައިތުގެ ސަރުކާރު ވަޒީފާތަކުގައި އުޅޭ ބައެއް މީހުން ވަޒީފާއަށް ނުނިކުމެ ފޭކް ފިންގަޕްރިންޓް ޖަހާ މައްސަލަ ބޮޑުވެ އެންމެފަހުން މި މައްސަލާގައި ބައެއްގެ މައްޗަށް ދައުވާކޮށްފި އެވެ.
މިނިސްޓަ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ޚާލިދު އަލް ރައުދާން ވިދާޅުވީ އޮފީހަށް ހާޒިރުނުވާ މުވައްޒަފުން ސަލާމަތް ކުރުމަށް، އެހެން މުވައްޒަފުން، ހާޒިރު ނުވާ މުވައްޒަފުންގެ "ސިލިކަން ފިންގަޕްރިންޓް" ޖަހައިދޭ ކަމަށެވެ.
"މިގޮތަށް އަމަލުކުރާ މުވައްޒަފުންގެ މައްޗަށް ދައުވާކޮށް މިހާރު ވަނީ ކޮންމެ މުވައްޒަފަކު ވެސް އޮފީހަށް ހާޒިރުވެ ފިންގަޕްރިންޓް ޖަހާއިރު ކެމެރާއަށް މޫނު ފެންނަ ގޮތަށް ހުރުމަށް އަންގާފައި،" ރައުދާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިންގަޕްރިންޓް ޖަހާއިރު ކެމެރާއަށް ސާފުކޮށް މޫނު ނުފެންނަ ނަމަ އެ މީހަކު އޮފީހަށް ހާޒިރުވި ކަމަށް ނުބެލާނެ ކަމަށެވެ.
ފިންގަޕްރިންޓް ސްކޭން މެޝިންތަކުގައި ކެމެރާ ހުންނާނެ ކަމަށާއި މަކަރުހަދާކަން ފަޅާއެރީ ބައެއް މީހުން ފިންގަޕްރިންޓް ޖަހާއިރު ކެމެރާއަށް މޫނު ނާރާ ގޮތަށް ފިންގަޕްރިންޓް ޖަހާކަން ފާހަގަވެ އެކަން އިތުރަށް ބެލުމުންނެވެ.
އޮފީސްތަކުގައި ވަޒީފާ ދީފައި ނެތް ބައެއް މީހުން ވެސް ވަޒީފާގައި އުޅޭ ކަމަށް ބަލައި މުސާރަ ދިނުމާއި ވަޒީފާ ދީފައި ތިބޭ މީހުން ވެސް ވަޒީފާއަށް ހާޒިރު ނުވުމުގެ މައްސަލަ ކުވައިތުގައި ވަރަށް ބޮޑެވެ. މިދިޔަ ޖެނުއަރީ މަހު ސިއްހީ އިދާރާއެއްގެ ވެރިޔަކު އޮފީހަށް ހާޒިރު ނުވާ މައްސަލާގައި ވަޒީފާއިން ވަކިކޮށްފައިވެ އެވެ. މިކަން ފަޅާއެރީ އެކި ދުވަސްމަތިން މީހަކު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރުމުންނެވެ.