08 ނޮވެމްބަރ 2024 - 07:32

ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމުގެ މަގްސަދުގައި ނައިންޓީ ޕްލަސްއިން ބާއްވާ، ގޯލްޑް ކަޕަށް ތައްޔާރުވެފައި ވަނިކޮށް، އެފްއޭއެމުން ޔޫތު ލީގުގެ ނަމުގައި އެކަޑަމީ މުބާރާތެއް ހަމަ އެ ދުވަސްވަރު ހެންވޭރު ދަނޑުގައި ކުޅެން ތަވާލުކޮށްފި އެވެ.
ރަށްތަކާއި ސިޓީތަކަށް ހާއްސަކޮށް ގޯލްޑް ކަޕް ބޭއްވުމަށް ނައިންޓީ ޕްލަސްއިން އިއުލާންކޮށްފައި ވަނިކޮށް އެފްއޭމުން ޔޫތު ލީގުގެ ނަމުގައި މުބާރާތެއް އިއުލާންކޮށް ހަމަ އެ ދުވަސްވަރު އެ މުބާރާތް ކުޅެން ވަނީ ނިންމައިފަ އެވެ.
އެކަމަކު ސްޕޯޓްސް މިނިސްޓްރީން ވަނީ، ނައިންޓީ ޕްލަސް އަށް ގަލޮޅު ދަނޑު ދޫކޮށްފަ އެވެ. ވާދަކުރާނެ ޓީމުތަކެއް ކަށަވަރު ނުވަނީސް އެފްއޭއެމުން ވަނީ މުބާރާތުގެ ޝެޑިއުލް އާންމުކޮށްފަ އެވެ. އެ ޝެޑިއުލްގައި ވާގޮތުން އެ މުބާރާތް ފަށާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އެއީ ނައިންޓީ ޕްލަސްގެ ގޯލްޑް ކަޕް ވެސް ފަށާ ތާރީހެވެ.
އެފްއޭއެމްގެ މުބާރާތުގެ މެޗުތައް ގަލޮޅު ދަނޑުގައި ކުޅޭނީ ގޯލްޑް ކަޕް ނިމުމުންނެވެ.
އެފްއޭއެމް ބައިވެރިނުކޮށް ޓީވީން ވަގުތުން ހުރިހާ މެޗެއް ދައްކާ ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ، ނައިންޓީ ޕްލަސްއިން ބާއްވާތީ އެފްއޭއެމް ކޮމްޕްޓީޝަން ޑިޕާޓްމެންޓްގެ ސީނިއާ އޮފިޝަލަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެފްއޭއެމްގެ ރެފްރީންނާއި މެޗު އޮފިޝަލުން، ގޯލްޑް ކަޕްގައި ބައިވެރި ނުވެވޭނެ ގޮތަށް ވަނީ ހަދައިފަ އެވެ.
ނައިންޓީ ޕްލަސްއިން، ބުނީ ރާއްޖޭން ބޭރުގެ ރެފްރީން ގެންނަން ނިންމާފައިވާ ކަމަށެވެ.