07 ނޮވެމްބަރ 2024 - 12:30

ދަރިއަށް ހަރަދު ނުދޭ ބައްޕައަކު މަސް ދުވަހަށް ޖަލަށް ލައި އޭނާގެ އެކައުންޓް ފްރީޒުކޮށް ތިން މަސް ދުވަހުގެ ތެރޭގައި ހުރިހާ ފައިސާއެއް ދެއްކުމަށާއި އެ މީހާގެ ނަން ވެސް ހާމަކުރުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
އެއް އަހަރުގެ ކުއްޖަކަށް ހަރަދު ނުދީ އޮތް މި މައްސަލައިގައި މި ހުކުމް އިއްވަވާފައި ވަނީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އާއިޝަތު ޝިހާބެވެ.
ދަރިފުޅަށް މަހުން މަހަށް ދައްކަންޖެހޭ ކަމަށް ކޯޓުން ކަނޑައަޅާފައިވާ ހަރަދު ނުދޭތީ، ކުއްޖާގެ މަންމަ ކޯޓަށް މައްސަލަ ހުށަހަޅާފައި އޮތީ ކުއްޖާގެ ބައްޕަ ޖަލަށް ލައިގެން ވިޔަސް، ނުދައްކާ ހުރި ފައިސާ އެކީ އެއްފަހަރާ ލިބިގަތުމަށް ބޭނުންވާ ކަމަށެވެ.
ކޯޓުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ދަރީގެ ހަރަދުގެ ގޮތުގައި ނުދައްކާ ހުރި ފައިސާގެ އަދަދު 153،504ރ. އަށް އަރަ އެވެ. އޭނާ ފައިސާ ދައްކާފައިވަނީ ކޯޓުން ހަރަދު ކަނޑައެޅި މަހު އެކަންޏެވެ. އެއީ 1،500ރ. އެވެ. ނުދައްކާ ހުރި ފައިސާގެ ތަފްސީލެއް ހުކުމަކުން އެނގޭކަށް ނެތެވެ.
ފިރިހެން މީހާ ޖަލަށްލާން ހުކުމްކޮށް، ރާއްޖޭން ބޭރަށް ނުދެވޭ ގޮތަށް ޕާސްޕޯޓް ހިފަހައްޓަން ވަނީ އަމުރުކޮށް އަދި ބޭންކް އެކައުންޓް ބަލައި ޗެކްކޮށް ފްރީޒް ކުރަން ވެސް ވަނީ އަންގައިފަ އެވެ. ހުކުމްކުރި އިރު އެ އެކައުންޓްގައި ހުރި 950ރ. ވެސް ދަރިފުޅުގެ މަންމައާ ހަވާލުކުރަން ހުކުމުގައިވެ އެވެ.
މިއީ އާއިލާއާ ބެހޭ ގަވައިދުގެ ދަށުން ހަރަދު ނުދޭ ބައްޕައިންގެ މައްޗަށް އެޅޭނެ ކަމަށް ބުނެފައިވާ ފިޔަވަޅުތަކެކެވެ.
އާއިލާއާ ބެހޭ ގަވައިދުގެ ދަށުން ފިރިހެން މީހާގެ މައްޗަށް އެޅި ފިޔަވަޅުތައް ބާތިލް ކުރެވޭނީ ދައްކަން ޖެހިފައިވާ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ކޯޓަށް ދައްކާ ހަލާސްކޮށް ނިމުމުން ކަމަށް ވެސް ހުކުމްގައި ބުނެފައިވެ އެވެ.
ކައިވެނި ރޫޅުމަށް ފަހު ދަރިންނަށް ބައްޕައިން ހަރަދު ނުކުރާ މައްސަލަ ވަރަށް ބޮޑެވެ. ކޯޓުން ކަނޑައަޅާފައިވާ ގޮތަށް ހަރަދު ނުދޭ މައްސަލަތައް ކޯޓުތަކަށް ހުށަހަޅާ ނިސްބަތް ވަރަށް މައްޗެވެ.