ޓޫރިޒަމާއި ރިޔަލް އެސްޓޭޓް ވިޔަފާރިއާ ގުޅޭ ބައްދަލުވުމެއް ބާއްވައިފި
ޓޫރިޒަމާއި ރިޔަލް އެސްޓޭޓް ވިޔަފާރިއާ ގުޅޭ ބައްދަލުވުމެއް ބާއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޯޕްރޭޓް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ޓޫރިޒަމާއި ދުނިޔޭގެ ރިޔަލް އެސްޓޭޓް ވިޔަފާރިއާ ގުޅޭ ގޮތުން ހާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "ދިވެހިރާއްޖެ: އިންވެސްޓްކުރަން ވަރަށް ރަނގަޅު މަންޒިލެއް"ގެ ނަމުގައި މިދިޔަ ހަފުތާގައި ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމަކީ އެ ބޭންކުގެ ކޯޕްރޭޓް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ރާވާފައިވާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ހަފްލާ އެވެ.

ރާއްޖޭގެ ބައެއް ރިސޯޓްތައް ވިއްކާލުމުގައި މެދުވެރިއެއްގެ ރޯލު އަދާކޮށްފައިވާ ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ ގްރޫޕް ސިންގަޕޯގެ ވައިސް ޕްރެޒިޑެންޓް ނިހާތު އެރްކާން މި ހަފްލާގައި ވާހަކަ ދެއްކެވި އެވެ. ނިހާތަކީ ޓޫރިޒަމާއި، ހޮސްޕިޓަލިޓީ ރިއަލް އެސްޓޭޓް ދާއިރާގެ އިތުރުން ޔޫރަޕް، އޭޝިއާ އަދި އިންޑިއާ ކަނޑުގެ ޖަޒީރާތަކުގައި ހޮޓެލް ވިޔަފާރީގެ 4.5 ބިލއަން ޑޮލަރުގެ މުޢާމަލާތްކޮށްފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި ރާއްޖޭގައި ހިންގި ބޮޑު ހަ މުއާމަލާތް ވެސް ހިމެނެ އެވެ.

އެ ބޭންކުން ބުނީ ރާއްޖެއަކީ އިންވެސްޓްކުރަން ވަރަށް ރަނގަޅު މަންޒިލެއްކަން ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް ރާއްޖޭގެ ވިޔަފާރީގެ ކުރީ ސަފުގައި ހިމެނޭ ވިޔަފާރިވެރިންނާ ހިއްސާކޮށްފަައިވާ ކަމަށެވެ. އަދި ދުނިޔޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގައި ރާއްޖެ އަށް ހުރި ފުރުސަތުތައް ވެސް ފާހަގަކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިއަހަރުގެ ކުރީކޮޅު ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރުގެ މަގާމަށް އައްޔަންކުރި ކްލްދީޕް ޕަލިވާލް އެ ހަފްލާގައި ކޯޕްރޭޓް ބޭންކިން އިން ދެމުންދާ އާ ހިދުމަތްތަކާ ބެހޭ ގޮތުން ވެސް ވާހަކަދެއްކެވި އެވެ. އެ ގޮތުން ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތައާރަފްކުރުމާއި ތަޖުރިބާހުރި ޓީމެއް މެދުވެރިކޮށް ވިޔާފާރިތަކުން ބޭނުންވާ ގޮތަށް ހިދުމަތް ދެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވަނީ ބޭންކުން ކޯޕްރޭޓް ކަސްޓަމަރުންނަށް ބޭނުންވާނެ ހިދުމަތްތައް ދިނުމުގެ ގޮތުން ވިޔަފާރިއާ ރައްޓެހި، ފަސޭހަކަމާ އެކު ހިދުމަތް ހޯދޭނެ ގޮތަށް ޚިދުމަތް ބައްޓަންކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ހަފްލާގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ގިނަ ފަރާތްތަކަކުން ބޭންކާ މެދު ދެކެނީ ބޮޑެތި ވިޔަފާރިތަކަށް އަމާޒުކުރެވޭ ބޭންކެއްގެ ގޮތުގައި ނޫން ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން މިދަނީ ރާއްޖޭގައި ހުރި އެހެން ބޭންކްތަކަށްވުރެ ބޮޑަށް ކޯޕްރޭޓް ވިޔަފާރިތަކަށް އެހީތެރިވަމުން. މިދިޔަ އަހަރު ކޯޕްރޭޓްތަކަށް ދޫކުރި ލޯނުތަކުގެ އަދަދު ދެގުނަ އިތުރު. އަޅުގަނޑުމެން ދޫކޮށްފައިވާ 8 ބިލއަން ރުފިޔާގެ ލޯނުގެ ތެރެއިން ދެބައިކުޅަ އެއްބައި ދޫކޮށްފައިވަނީ ކޯޕްރޭޓްތަކަށް. އަދި މިއަށް ވުރެ އިތުރަށް ލޯނު ދޫކުރަންވެސް އަޅުގަނޑުމެން ތައްޔާރު. މިއީ ވަރަށް މުހިންމު އަދި އެހާމެ ބަލައިގަންނާނެ މެސެޖެއްކަމަށް އުއްމީދުރަން،" އޭނާ ވިދާޅުވެފައިވެ އެވެ.