މުސްލިމުން މަނާ ކުރުމުގެ އާ އަމުރު މާދަމާ ނެރުން އެކަށީގެންވޭ
މުސްލިމުން މަނާ ކުރުމުގެ އާ އަމުރު މާދަމާ ނެރުން އެކަށީގެންވޭ

ވޮޝިންޓަން (މާޗް 5) - މުސްލިމް ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވާ އާ އަމުރު މާދަމާ ނެރުއްވުން އެކަށީގެންވާ ކަމަށް ސަރުކާރުގެ އޮފިޝަލުން ސީއެންއެން އަށް މައުލޫމާތު ދީފި އެވެ.

މުސްލިމުން މަނާ ކުރުމަށް ޓްރަމްޕް ފުރަތަމަ ނެރުއްވި އަމުރު ޝަރުއީ ނިޒާމުގެ ތެރޭން ހުއްޓުމަކަށް އައުމުން ޓްރަމްޕް ނެރުއްވަން ގަސްދުކުރެއްވި އާ އަމުރުގައި ސޮއިކުރާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް ކޮންގްރެސްގައި ޓްރަމްޕް ދެއްވި ތަގުރީރަށް ލިބުނު ތަރުހީބަށް ބަލައި އެކަން ވަނީ ފަސްކޮށްލައްވައިފަ އެވެ.

އެމެރިކާ ސަރުކާރުގެ ބައެއް އޮފިޝަލުން ބުނީ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން އާއި ދިފާއީ ވަޒީރު ޖޭމްސް މަޓިސް އަދި ގައުމީ ސަލާމަތާ ބެހޭ މުޝީރު އެޗް.އާރު މެކްމާސްޓާ ބޭނުން ވަނީ މަނާ ގައުމުތަކުގެ ލިސްޓުން އިރާގު އުނިކުރާށެވެ. އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޖޭމްސް ކެލީ ވެސް އެކަމަށް ތާއީދު ކުރައްވާ ކަމަށްވެ އެވެ. އެމެރިކާ އަށް ވަނުން މަނާކުރާ ގައުމުތަކުގެ ލިސްޓުން އިރާގު އުނިކުރަން ބާރު އަޅާފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް އެ ގައުމުން ހަނގުރާމަ ކުރަމުންދާތީ އެވެ.

ޖެނުއަރީ މަހު ޓްރަމްޕް ނެރުއްވި އަމުރުގައި ވަނީ އާބާދީގައި މުސްލިމުން ގިނަ ހަތް ގައުމު ކަމަށްވާ އީރާން، އިރާގު، ސީރިއާ، ސޫދާން، ލީބިއާ، ސޮމާލިއާ އަދި ޔަމަން މީހުން 90 ދުވަހަށް އެމެރިކާ އަށް ވަނުން މަނާކޮށްފަ އެވެ. އަދި ރެފިއުޖީ ޕްރޮގްރާމް ވެސް ވަނީ 120 ދުވަހަށް ހުއްޓުވައިފަ އެވެ. ޓްރަމްޕުގެ މި އަމުރު ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓުން ހުއްޓުވުމުން ޖަސްޓިސް ޑިޕާޓްމަންޓުން އިސްތިއުނާފް ކުރުމުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.