ދޮންމަންމާފުޅު ދެއްކެވި ވާހަކަތަކަށް ރައީސް ފުރަތަމަ ފަހަރަށް ރައްދު ދެއްވައިފި
ދޮންމަންމާފުޅު ދެއްކެވި ވާހަކަތަކަށް ރައީސް ފުރަތަމަ ފަހަރަށް ރައްދު ދެއްވައިފި

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮންމަންމާފުޅު ސްކީލާންގެ ވީޑިއޯ ޑޮކިއުމެންޓްރީއަކުން އެ މަނިކުފާނަށް އަމާޒު ކުރެއްވި ބޮޑެތި ތުހުމަތުތަކަށް ފުރަތަމަ ފަހަރަށް މިއަދު ރައްދު ދެއްވައިފި އެވެ.

ރައީސް ވިދާޅުވީ އެ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އެ ޑޮކިއުމެންޓްރީގެ ބޭނުމަކީ ސިޔާސީ ވިސްނުމެއްގައި އެ މަނިކުފާނު ބަދުނާމުކުރުން ކަމަށް ވިދާޅުވި އެވެ.

"އަދަދު" ނޫހުގެ އެ ޑޮކިއުމެންޓްރީގައި ރައީސް މުއިއްޒަށް ތުހުމަތު ކޮށްފައި ވަނީ، ބައްޕާފުޅު ޝައިހް އަބްދުއްރަހްމާން އަވަހާރަވުމުން ދޮންމަންމާފުޅު ނުހައްގުން ޑީޕޯޓް ކޮށްލެއްވި ކަމަށް ބުނެ އެވެ. އެ ޑޮކިއުމެންޓްރީގައި ސްކީލާން ގިނަ ވާހަކަތަކެއް ދައްކަވައި ވިދާޅުވެފައި ވަނީ ޓޫރިސްޓު ވިސާގައި ވެސް ރާއްޖެ އެތެރެ ނުވެވުނު ކަމަށެވެ.

ސްކީލާން ހުސެއިން އަކީ ސްރީ ލަންކާގެ ބޭކަނބަލެކެވެ. ކައިވެންޏަށް ފަހު ސްކީލާން ވެސް ދިރިއުޅުއްވީ މާލޭގައި ރައީސް މުއިއްޒުގެ އާއިލީ ގެކޮޅު، މ. ދިމްޔާތުގަ އެވެ. މުއިއްޒުގެ ބައްޕާފުޅު 2015 ވަނަ އަހަރު ހައްޖުގެ އަޅުކަމަށް ވަޑައިގެން އުޅުއްވަނިކޮށް މައްކާގައި އަވަހާރަވުމުން ސްކީލާން އެނބުރި ލަންކާ އަށް ވަޑައިގަތީ ތަރިކަ މުދާ ބެހުމުގެ މައްސަލަ ފެމިލީ ކޯޓުން ނިންމި ފަހުންނެވެ.

އިންތިހާބުގެ ދުވަސްވަރު، ރައީސް މުއިއްޒަށް އަމާޒުކޮށް ނެރުނު މި ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން އެ މަނިކުފާނު މިހާތަނަށް އެއްވެސް ވާހަކަފުޅެއް ވިދާޅެއް ނުވެ އެވެ. އެކަމަކު އެ ތުހުމަތުތަކަށް މިއަދު ވާހަކަފުޅު ދެއްކެވީ، އެ ޑޮކިއުމަންޓްރީއަށް މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ އިންވެސްޓިގޭޓިވް ދާއިރާގެ އެންމެ މޮޅު އޯޑިއޯ، ވީޑިއޯގެ އެވޯޑު ދީ، ތުހުމަތުތައް އެ މަނިކުފާނަށް އަލުން އަމާޒުކުރުމުންނެވެ.

ރާއްޖޭގެ ތަރައްގީއާ ގުޅޭ މާސްޓަ ޕްލޭން އިފްތިތާހް ކުރެއްވުމަށް ފަހު، ސޯޝަލް ސެންޓަރުން ނުކުމެވަޑައިގެން މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވުމުން "މިހާރު" އިން އެ ޑޮކިއުމެންޓްރީގެ ތުހުމަތާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީި އޭގައި ދައްކާފައި ވަނީ "އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން" ކަމަށެވެ.

އެކަމަކު، ބޮޑެތި އިލްޒާމު އަޅުވައި އާއްމުކުރި ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން މިހާތަނަށް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވީ އެ މަނިކުފާނަކީ މީހުންގެ ވާހަކަ ދައްކަވާ ބޭފުޅަކަށް ނުވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ވަކިން ޚާއްސަކޮށް އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ހިއްސާ ކުރައްވަން އުނދަގޫފުޅު ކަމަށެވެ. ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ޖެހިވަޑައިގަތީ "އެކަން ބޮޑުވެފައި އޮތުމުން" ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ދޮންމަންމާފުޅާ ދޭތެރޭގައި ގޯހުން ކަމެއް ކުރައްވާފައެއް ނޯންނާނެ އެވެ. މުދާ ބެހުމުގައި ވެސް އަމަލުކުރެއްވީ، އެކަމަނާ އެދިވަޑައިގަތް ގޮތަށް ކަމަށް ވިދާޅުވެ ކޯޓުގެ ނިންމުންތަކުގެ ތަފްސީލްތައް މިއަދު ހިސާކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ބައްޕާފުޅު އަވަހާރަވުމުން، ފެމިލީ ކޯޓުން ތަރިކަ މުދާ ބެހިއިރު ބައްޕާޕުޅުގެ ހުރިހާ މުދަލަކާއި ފައިސާއެއް ދެއްވީ ދޮންމަންމާފުޅަށް ކަމަށެވެ.

އޭގެ އިތުރުން، ކޮލަމްބޯގައި ހުރި ދެ ގެއަކާއި ކޭންޑީގައި ހުރި ގެސްޓް ހައުސް ވެސް ދެއްވީ ދޮންމަންމާފުޅަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބައްޕާފުޅުގެ ލަންކާ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ވެސް ދެއްވީ ދޮންމަންމާފުޅަށެވެ.

"އަޅުގަނޑުގެ ބައްޕަ ނިޔާވީމަ ތަރިކަ ބެހުމުގެ ކަންތަކުގައި އެ އޮންނަ އުސޫލުން ކޯޓަށް ގޮސްގެން ހުރިހާ ކަމެއް އޮތީ ނިމިފައި. ބައްޕަގެ ގޯތި، ބިންތައް އޮތް ލަންކާގައި. ކޮލަމްބޯގައި ދެ ބިން، ކޭންޑީގައި ބިމެއް. މި ތިން ތަނުގައި ގޯތި އިމާރާތް ހަދާފައި ހުރީ. އެތަނުން އެއް ތަނުގައި ގެސްޓް ހައުސް ހަދާފައި ވިޔަފާރިކޮށްގެން އާމްދަނީ ހޯދޭނެ ގޮތަށް،" ތަރިކަ ބެހުމުގެ ކަންކަން ނިމުނު ގޮތް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ނިންމީ ދޮންމަންމަ އަށް އެ ތަންތަން ދޭން ހިލޭ، ބަދަލެއް ނެތި، އަދި ބައްޕަގެ ލަންކާ އެކައުންޓުގައި ހުރި ހުރިހާ ފައިސާއަކާ އެކީގައި."

ރައީސް ވިދާޅުވި ގޮތުގައި އެ ހުރިހާ މުދަލެއް ދޮންމަންމާފުޅަށް ދެއްވުމުން، މާލޭގައި ހުރި ބައްޕާފުޅުގެ މުދާތައް އެ މަނިކުފާނަށް ދެއްވަން ނިންމެވީ ދޮންމަންމާފުޅު އަމިއްލައަށެވެ.

ރައީސް ވިދާޅުވީ މިހާ ތަފްސީލުކޮށް ޖަވާބު ދެއްވަން ޖެހިވަޑައިގަތީ "މިހާ ބޮޑަށް މިކަން އޮޅުވާލާފައި" އޮތުމުންނެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކަމުގެ ހަގީގަތް އޮޅުވާލައި އެ މައުލޫމާތު ފަތުރަމުންދަނީ އަގު ވައްޓާލަން ސިޔާސީ ވިސްނުމެއްގަ އެވެ.

"ދެން މިހާ ބޮޑަށް މިކަން އޮޅުވާލައި އަޅުގަނޑުގެ އަގު ވައްޓާލަން އަޅުގަނޑު ގަބޫލުކުރަނީ ސިޔާސީ ވިސްނުމެއްގައޭ މިކަން ކުރަނީ. އޭގައި ނޯންނާނެ އަޅުގަނޑު އިތުރަށް ކުރި ކަމެއް. އެހެންވީމާ އަޅުގަނޑުގެ ބޮލުގައި ބަދުނާމު އަޅުވަން އެ ދައްކާ އިތުރު އެއްވެސް ކަމަކީ އަޅުގަނޑާ ގުޅޭ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެ ތުހުމަތުތަކަށް މިދިޔަ ރިޔާސީ އިންތިހާބު ތެރޭގައި ރައީސް ޖަވާބު ނުދެއްވި ނަމަވެސް، ކެމްޕެއިން ދުވަސްވަރު ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ކަން ހިނގި ގޮތް ސާފުކޮށްދެއްވައިފަ އެވެ.

ފަސްޓް ލޭޑީ ވިދާޅުވެފައިވާ ގޮތުގައި ދޮންމަންމާފުޅަށް މުއިއްޒު ވަރަށް ކަމޭހިތްތެވި އެވެ. ބައްޕާފުޅު އަވަހާރަވުމަށް ފަހު އެކަމަނާ އެދިވަޑައިގެންނެވި ހުރިހާ އެއްޗެއް ވެސް ދެއްވި ކަމަށް ސާޖިދާ ވިދާޅުވި އެވެ. އަދި ކޯޓުން މައްސަލަ ނިންމި ގޮތް ފެންނަން އޮންނާނެ ކަމަށާއި ހަގީގަތް އޮޅުވާ ނުލެވޭނެ ކަމަށް އެކަމަނާ ވެސް ވިދާޅުވެފައިވެ އެވެ.

އެކަމަނާ ވިދާޅުވެފައިވާ ގޮތުގައި، ސްކީލާން ރާއްޖެ ދޫކުރައްވައި އެނބުރި ލަންކާ އަށް ވަޑައިގަންނަވަން އުޅުއްވިއިރު ވެސް ވިސާގެ މައްސަލައެއް ދިމާވި އެވެ.

"އޭރު އަޅުގަނޑުމެންނަކަށް ވެސް ނޭނގޭ ހަގީގަތުގައި، މީހަކު ކައިވެނި ރޫޅުން ނުވަތަ މަރުވުމަށް ފަހު، ބޭރު މީހެއްގެ ވިސާ ވަކި މުއްދަތެއްގެ ތެރޭގައި ހަމަވާކަން ވެސް. ދެން އެހެން ނަމަވެސް، އޭނާގެ ވިސާ އެބައޮތް، އިތުރު މުއްދަތަށް އޮތީމަ [ރާއްޖޭގައި] ހުންނެވި ތިން ހަތަރު މަސް ވަންދެން، ހަމަ ކޯޓު ކޭސް ނިމެންދެން ހުންނެވި،" އޭރު ސާޖިދާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގެ ފަހު ދުވަސްކޮޅު މި ޑޮކިއުމެންޓްރީ އާއްމުކުރުމުން، މި މައްސަލާގައި އިމިގްރޭޝަނުން ބުނެފައި ވަނީ، ޑޮކިއުމެންޓްތަކުން އެނގޭ ގޮތުގައި ސްކީލާން ރާއްޖެއިން ފުރާވަޑައިގަތުމާ އެކު، އެކަމަނާ އަށް ރާއްޖެ ވަޑައިނުގެންނެވޭ ގޮތަށް ހަދާފައި ވަނީ "އިލީގަލް ރެކްރޫމަންޓް" ނުވަތަ ގާނޫނާ ހިލާފަށް ރާއްޖޭން ބޭރުން މީހުން ގެންނަ ކަމަށް ތުހުމަތުވާ މައްސަލައެއްގައި ކަމަށެވެ. އެ މައްސަލަ ބަލާ ކަމަށް ބުނެ ސިޓީއަކުން ސްކީލާން އަށް ޖަވާބު ދީފައި ވިޔަސް އޭނާއާ ގުޅޭ އެފަދަ މައްސަލައެއް ބަލައިފައެއް ނެތެވެ.

އިމިގްރޭޝަނުން އޭރު ބުނެފައި ވަނީ ސްކީލަން ބްލެކް ލިސްޓްކުރީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް މި ފަހުން އެ އިދާރާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުންޏަސް އޭގެ ފަހުން ތަހުގީގުގެ އެއްވެސް އަޕްޑޭޓެއް އެ އިދާރާ އިން ނުދެ އެވެ.