06 ނޮވެމްބަރ 2024 - 12:27

ރަނގަޅަށް އިރު ނާރަނީސް މި މީހުން މާލޭގެ އުތުރު ފަރާތު ބަނދަރުން ކުދި ދޯނިތަކުގައި ފުރައިގެންދެ އެވެ. މާލެ ކައިރީގައި އޮންނަ ފަޅުތަކާއި ގިރިތަކަށް ގޮސް އެ ވައްޓާލަނީ ބޮޑެތި ދާތަކެވެ.

މި ފަޅުތަކާއި ގިރިތަކުގައި އުޅޭ ރެއްސާއި ބޯއްޖާއި އެމުގެ އެކި ބާވަތްތައް ހިފަނީ އެވެ. މަސްވެރިކަމަށް ނޫނީ އެން ހިފުމަކީ މަނާ ކަމެއް ނަމަވެސް މި މީހުން އާމްދަނީ ހޯދަން މި ކުރާ ކަމަކީ ބޮޑެތި އެންގަނޑުތައް ކަހާލައިގެން ގެނެސް ވިއްކުމެވެ.

ދިވެއްސަކު އިސްވެ ހުރެ މިކަމުގައި ވެސް މި އުޅެނީ ބިދޭސީންނެވެ. ފަޅުތަކާއި ގިރިތަކުން ހެސްކިޔާފައި އެން ނަގައިގެން ގެނެސް އެ މީހުން މާލޭ މަސްމާރުކޭޓުގައި ވިއްކަނީ އެވެ. މާރުކޭޓު ބަލަހައްޓަން މީހުން ތިބޭއިރު އެ މީހުންގެ ވެސް ކުރިމަތީގަ އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގައި ބުނާ ގޮތުގައި، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި، ދާ އަޅައިގެން ރެއްސާއި ބޯއްޖާއި މުގުރާނާއި ހޮނޑެއްޔާއި މިޔަރެނާއި ނިލަމެއްސާއި ތާވަޅާއި މުށިމަސް އަދި ރިއްމަސް ނެގުމަކީ މަނާ ކަމެކެވެ. އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދާ އަޅައިގެން މަސްވެރިކަން ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި އެ ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވެ.

މިކަމުގައި އުޅޭ ބިދޭސީއަކު ކިޔައިދިން ގޮތުގައި، އެ މީހުން މަސް ހިފަނީ 15-20 މީޓަރުގެ އަޑީގައި ދާ އަޅައިގެންނެވެ. މި ދޯނިތަކުގެ ކައްޕި ނޫން އެންމެންނަކީ ބިދޭސީންނެވެ.

މާލޭ މަސްމާރުކޭޓު ކުރިމަތީގައި ހަމަ ސީދާ މިކަމަށް ހާއްސަ ދެ މަސްދޯނި އޮވެ އެވެ.

އެ ބިދޭސީންގެ ކެއިންބުއިމާއި ނިދުން ވެސް އޮންނަނީ މި ދޯނިތަކުގަ އެވެ.
