ތުރުކީގެ ބޯޑަރު ކައިރިއަށް ވެއްޓުނު ސީރިއާގެ ޖެޓުގެ ޕައިލެޓް ސަލާމަތްވެއްޖެ
ތުރުކީގެ ބޯޑަރު ކައިރިއަށް ވެއްޓުނު ސީރިއާގެ ޖެޓުގެ ޕައިލެޓް ސަލާމަތްވެއްޖެ

އަންކާރާ (މާޗް 5) - ތުރުކީގެ ސަރަހައްދީ ރޮނގު ކައިރިއަށް ވެއްޓުނު ސީރިއާގެ ޖެޓުގެ ޕައިލެޓް ސަލާމަތްވެފައިވާ ކަމަށާއި އޭނާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޖެޓު ވެއްޓުމުގެ ކުރިން ޕައިލެޓް ވަނީ ވައި ކުޑައިގައި ފުންމާލައިފަ އެވެ. އަދި އޭނާގެ މައިބަދައަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ޖެޓު ވެއްޓެން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.

ތުރުކީގެ ރަސްމީ ނޫސް އެޖެންސީން ބުނީ ވެއްޓުނު ޖެޓުގެ ޕައިލެޓް ފެނުނީ އޭނާ ހޯދަން ނުވަ ގަޑިއިރު މަސައްކަތް ކުރި ފަހުން ކަމަށެވެ. މެޑިކަލް ސްޓާފުން ބުނެފައި ވަނީ ޖެޓުގެ ޕައިލެޓަކީ 56 އަހަރުގެ ސީރިއާ މީހެއް ކަމަށެވެ.

ތުރުކީގެ ބޮޑު ވަޒީރުގެ ނައިބް ނުރެޓިން ކަނިކްލީ ވިދާޅުވީ ތުރުކީގެ ބޯޑަރު ކައިރިއަށް ޖެޓް ވެއްޓެން ޖެހުނު ސަބަބު ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ ބޯޓު އުޅުނީ ކޮން ކަހަލަ މިޝަނެއްގައިތޯ ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޕައިލެޓް ސީރިއާ އަށް ފޮނުވާނީ މި ހުރިހާ މައުލޫމާތެއް ސާފުކޮށްފައި ކަމަށް ވެސް ބޮޑު ވަޒީރުގެ ނައިބު ވިދާޅުވި އެވެ.