އާސެނަލްގެ ސްޕޯޓިން ޑިރެކްޓަރު އެޑޫ އެ ކްލަބާ ދުރަށް
އާސެނަލްގެ ސްޕޯޓިން ޑިރެކްޓަރު އެޑޫ އެ ކްލަބާ ދުރަށް

އާސެނަލްގައި މިހާރު އޮތް ވަރުގަދަ ޓީމު ބިނާކުރުމުގެ މޭސްތިރި ކަމަށްވާ އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު އެޑޫ ގެސްޕާ މަގާމުން އިސްތިއުފާ ދީފި އެވެ.

ތަފާތު ޗެލެންޖެއް ނެގުމުގެ ބޭނުމުގައި ކަމަށް ބުނެ އެޑޫ އިސްތިއުފާ ދިނުންވީ އާސެނަލްގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު ހައިރާންކަމަކަށެވެ. ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ އެޑޫ ބިނާކުރި ޓީމުން ބޮޑު މުބާރާތެއް ކާމިޔާބުކުރެވެންދެން އޭނާ މަގާމުގައި ދެމި ހުންނާނެ ކަމަށެވެ.

އާސެނަލުން އެންމެ ފަހުން ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު 2003/2004 ގައި އެ ޓީމަށް ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ޓީމުގެ ހިންގުމުގެ ތެރެއަށް ވަނީ 2019 ވަނަ އަހަރު ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގަ އެވެ. އެ އަހަރު އާސެނަލްގެ ކޯޗަކަށް މިކޭލް އާޓެޓާ ގެނައުމުގައި އެޑޫ މުހިއްމު ދައުރެއް އަދާކުރި އެވެ.

އެޑޫ ވަނީ ސީނިއާ ބައެއް ކުޅުންތެރިން ބޭރުކޮށް ޒުވާން ކުޅުންތެރިން ގެނެސް އާޓެޓާ އަށް ރަނގަޅު ޓީމެއް ބިނާކޮށްދީފަ އެވެ. މިދިޔަ ދެ ސީޒަނުގައި އާސެނަލް އިން ލީގަށް ވަރަށް ބޮޑަށް ވާދަކޮށް ދެ ވަނަ ހޯދި އެވެ.

އާސެނަލްއާ ހަވާލުވުމުގެ ކުރިން ބްރެޒިލް ގައުމީ ޓީމާއި، އެ ގައުމުގެ ކޮރިންތިއަންސްގައި އެޑޫ ވަނީ ސްޕޯޓިން ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެޑޫ ދެން މަސައްކަތްކުރާނީ އިންގްލެންޑުގެ ނޮޓިންހަމް ފޮރެސްޓާއި، ގްރީކުގެ އޮލިމްޕިއާކޯސްގެ ވެރިޔާ އެވަންގެލޮސް މަރިނާކިސްއާ އެކު އެވެ.