04 ނޮވެމްބަރ 2024 - 18:10

ރާއްޖެ އާއި ތުރުކީ އާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމަށްޓަކައި އެކުލަވައިލި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ތުރުކީގެ ފަރާތުން ސޮއިކުރެއްވީ، އެ ގައުމުގެ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޮމާރު ބޮލަޓް އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި އެއްބަސްވުމުގެ ދަށުން ތުރުކީއަށް އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކަށް ލުއި ލިބުމާ އެކު ދިވެހި މަސް އެކްސްޕޯޓު ކުރާ ފަރާތްތަކަށް ތުރުކީ މާކެޓްގައި ވިޔަފާރި ފުޅާ ކުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
މީގެއިތުރުން، މި އެއްބަސްވުމާ އެކު ދެ ގައުމުގެ ދެމެދު ކުރެވޭ ޔަފާރީގެ ހުރަސްތައް ކުޑަ ކުރެވި، ވިޔަފާރީގެ ގުޅުން ވަރުގަދަވެ، ދިވެހި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"ކުރިއަށް އޮތްތަނުގައި ވިޔަފާރި އަދި އިގްތިސާދީ ދާއިރާއިން މަސައްކަތްތައް އިތުރުކުރެވި، އާ ފުރުސަތުތައް ވިޔަފާރިތަކަށް ހުޅުވިގެންދާނެ،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
މި އެއްބަސްވުމުގެ މަޝްވަރާތައް ކުރެވުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތުރުކީއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ތައްޔިބު އުރުދުޣާން އާ އެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ސަތޭކަ އަށް ވުރެ ގިނަ ބާވަތްތަކުން ޑިޔުޓީ ކުޑަވެގެންދާނެ ކަމަށެވެ.
އަދި ރާއްޖޭން ބޭރުކުރާ މަހުގެ ގިނަ ބާވަތްތައް ސުން ޕަސެންޓު ޑިޔުޓީގައި ތުރުކީ އަށް އެތެރެކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އިން މިހާރު ނިންމާފައި ވަނީ ޗައިނާއާ އެކު 2018 ގައި އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ވެސް އަމަލު ކުރުމަށެވެ.
އަދި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތާ އެކު ވެސް އެ ފަދަ އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތައް ފަށަން ވަނީ ނިންމައިފަ އެވެ.