27 އަހަރަށް ފަހު މެރެތަން ރެކޯޑް ޝަރަފް މުގުރާލައިފި!
27 އަހަރަށް ފަހު މެރެތަން ރެކޯޑް ޝަރަފް މުގުރާލައިފި!

ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި މުގުރާނުލެވި އެންމެ ގިނަ ދުވަސްވީ އެއް ރެކޯޑް ކަމަށްވާ މެރެތަން ދުވުމުގެ ރެކޯޑް 27 އަހަރަށް ފަހު އަހުމަދު ޝަރަފް މިއަދު މުގުރާލައިފި އެވެ.

ޕާކިސްތާނުގެ އިސްލާމް އާބާދުގައި 1989 ވަނަ އަހަރު ބޭއްވި ސާފް ގޭމްސްގައި ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) 2 ގަޑި 45.03 މިނެޓުން ހެދި ރެކޯޑް ޝަރަފް މިއަދު މުގުރާލީ މޮރޮކޯގައި ބޭއްވި ރަބަތު އިންޓަނޭޝަނަލް މެރެތަންގައި 2 ގަޑި 42:28 މިނެޓުން ރޭސް ނިންމައިގެންނެވެ. ޖުމްލަ 42 ކިލޯމީޓަރު (މާލެ ވަށައި ނަމަ އަށް ބުރު) ގެ ރޭހުގައި ޝަރަފް މި ހޯދީ 2.75 މިނެޓުގެ ކުރިއެރުމެކެވެ.

މީގެ ފަސް އަހަރު ކުރިން ދުވުމުގެ ތެރެއަށް ނުކުމެ އަދި މިދިޔަ އަހަރު އޮލިމްޕިކް ކޮމިޓީން ދިން ފުރުސަތެއްގައި އިތިއޯޕިއާ އާއި މޮރޮކޯގައި ތަމްރީން ހަދަމުުން އަންނަ ޝަރަފް ބުނީ ގިނަ ދުވަސްވީ ރެކޯޑް މުގުރާލެވުމުން ވަރަށް އުފާވެއްޖެ ކަމަށާއި މިހިސާބުން ހުއްޓާނުލާނެ ކަމަށެވެ.

"މިއީ އަދި ފެށުމެއް. މިއާ އެކު އިތުރު ހިތްވަރެއް ލިބުނީމި. ދެން ބަލާނީ އަދިވެސް އިތުރަށް މަސައްކަތްކޮށްގެން ކުރިއަށްދާން،" ޝަރަފް ބުންޏެވެ.

އޭނާ ބުނީ އަމާޒަކީ 2020 ވަނަ އަހަރުގެ ޓޯކިޔޯ އޮލިމްޕިކްސް އަށް ކޮލިފައިވުން ކަމަށާއި އެކަމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އޭނާ ވަނީ ތަމްރީން ފުރުސަތު ހޯދައިދިނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ.

"އޮލިމްޕިކް ކޮމިޓީ އާއި މަރުޒޫގަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. އެންމެންނަށް ބުނެލަން ބޭނުންވަނީ މިއީ ފެށުމެކޭ. އިތުރަށް މަސައްކަތްކުރާނަމޭ،" ހާފް މެރެތަން ގައުމީ ރެކޯޑް ވެސް އޮންނަ ޝަރަފް ބުންޏެވެ.

މި ރެކޯޑާ އެކު ޝަރަފުގެ އަތުގައި ރާއްޖޭގެ ދިގު ރާސްތާ ދުވުމުގެ ދެ ރެކޯޑް ވެސް ގާއިމްވީ އެވެ. ޕުކެޓް މެރެތަންގައި 2014 ވަނަ އަހަރު 1 ގަޑި 19:05 މިނެޓުން އަހުމަދު ރިޒާ ހަދާފައިވާ ހާފް މެރެތަން ރެކޯޑް ޝަރަފް މުގުރާލީ މިދިޔަ އަހަރުގެ މޭ މަހު މޮރޮކޯގެ ނަޑޯ މެރެތަންގައި 1 ގަޑި 16:17 މިނެޓުން ރޭސް ނިންމައިގެންނެވެ. އެކާވީސް ކިލޯމީޓަރުގެ އެ ރޭހުގައި ޝަރަފް 3:33 މިނެޓުގެ ކުރިއެރުމެއް ހޯދި އެވެ.

"އޭނާގެ ޓާގެޓަކީ 2018 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް އަށް ކޮލިފައިވުން އަދި 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މެޑަލެއް ހޯދުމަށް ފަހު 2020 ވަނަ އަހަރުގެ އޮލިމްޕިކްސް އަށް ކޮލިފައިވުން،" ޝަރަފާ ބެހޭގޮތުން މަރޭ ބުނެފައިވެ އެވެ.