13 ޖޫން 2016 - 16:36

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ކަދުރު ބެއްސެވިއަސް އަދި އިޖުތިމާއީ އެހެން ހިދުމަތަކަސް، އެކަމެއް ކުރައްވަނީ ދީލަތި ފަރާތްތަކުގެ އެހީއާ އެކުގައި ކަމަށް ވިދާޅުވެ އެކަމަނާ އަށް ކޮށްފައިވާ ތުހުމަތުތައް ސަރުކާރުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ދޮގުކުރައްވައިފި އެވެ. މުއާޒް ވިދާޅުވާ ގޮތުން އެކަމަނާ ވެދެއްވާ ހިދުމަތްތަކާ ސަރުކާރާ އެއްވެސް ގުޅުމެއް ނެތެވެ.

ރޯދަ މަހާ ދިމާކޮށް ރާއްޖޭގެ ރައްޔިތުންނަށް ސައުދީ އަރަބިއްޔާ އިން ހަދިޔާކުރި 50 ޓަނު ކަދުރުގެ ތެރެއިން 10 ޓަނު ފަސްޓް ލޭޑީ ފާތުންގެ ސޮދަގާތް ފައުންޑޭޝަނުން އަންނަނީ ބަހަމުންނެވެ. އެ ފައުންޑޭޝަނަށް 10 ޓަނު ކަދުރު ނަގައި އެ ޖަމިއްޔާގެ ނަމުގައި ބަހާ މައްސަލާގައި ސޯޝަލް މީޑިއާގައި ވެސް ވަނީ އެކަމަނާ އަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.
ބައެއް މީހުން އެކަން ސިފަކުރަނީ، ނުފޫޒުން ހިންގި "ކޮރަޕްޝަންގެ" އަމަލެއްގެ ގޮތުގަ އެވެ.
ފަސްޓް ލޭޑީ ހިންގާ ޖަމިއްޔާ އަށް ކަދުރު ލިބުނު ގޮތާ ގުޅޭގޮތުން ޖަވާބު ނުދެއްވައި މުއާޒް ވިދާޅުވީ އިޖުތިމާއީ ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް އެކަމަނާ ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. އޭގެ ތެރެއިން ކަދުރު ބެއްސެވިއަސް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަސާ ބެއްސެވިއަސް އެކަން ކުރައްވަނީ ސަރުކާރުގެ ހަރަދުގައި ނޫން ކަމަށް މުއާޒް ވިދާޅުވި އެވެ.
"ދީލަތި ފަރާތްތަކުގެ އެހީއާ އެކު އެކަމަނާ އަށް ލިބޭ އެހީތައް ބައްސަވަމުން ގެންދަވަނީ، އެކަމުގައި ސަރުކާރަކާ ގުޅުމެއް ނެތް،" މުއާޒް ވިދާޅުވި އެވެ.
ސައުދީން ފޮނުވި ކަދުރު ސޮދަގާތް ފައުންޑޭޝަނަށް ލިބުނު ގޮތަކާ މެދު ތަކުރާރުކޮށް ސުވާލުކުރުމުން ވެސް މުއާޒް ވިދާޅުވީ އެ މައުލޫމާތު ސްޕޯކްސް ޕާސަން އަށް ނުދެއްވޭނެ ކަމަށެވެ. އޭނާ އެދިވަޑައިގަތީ ޖަމިއްޔާތަކުން ހިންގާ ކަންކަމާ ގުޅޭގޮތުން އެ ޖަމިއްޔާ އަކާ ސުވާލުކުރުމަށެވެ.
އެކަމަކު ސޮދަގާތް ޖަމިއްޔާ އަށް ގުޅޭނެ ނަމްބަރެއް ލިބޭ ގޮތެއް ނުވި އެވެ. އެ ޖަމިއްޔާގެ ނަމުގައި ދިރާގަށް ވެސް ނަމްބަރެއް ލިބިފައެއް ނުވެ އެވެ.