04 ނޮވެމްބަރ 2024 - 05:47

ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާން ސިނގިރޭޓު ބުއިން ހުއްޓާލިކަން އިއުލާންކޮށްފި އެވެ.
ސިނގިރޭޓު ބުއިން ހުއްޓާލިކަން ޝާހު އިއުލާންކުރީ އޭނާގެ 59 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފޭނުންނާ އެކު އިންޑިއާގެ މުމްބާއީގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.
"ރަނގަޅު ވާހަކައެއް ބުނަން އެބައޮތް. އަހަރެން މިހާރު ސިނގިރޭޓެއް ނުބޮން،" ޝާހު ބުންޏެވެ.
ޝާހު ބުނީ ސިނގިރޭޓު ބުއިން ހުއްޓާލުމުން ނޭވާ ހާސްވުން ކުޑަވާނެ ކަމަށް ހީކުރި ނަމަވެސް އަދިވެސް ކުޑަކޮށް އުނދަގޫވާ ކަމަށެވެ. އެކަމަކު، ދުވަސްކޮޅަކުން އެކަން ވެސް ރަނގަޅު ވެދާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.
"އިންޝާﷲ، އެކަންވެސް ރަނގަޅުވާނެ،" ޝާހު ބުންޏެވެ.
ޝާހު 2011 ވަނަ އަހަރު އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާއަކީ ވަރަށް ގިނައިން ސިނގިރޭޓާއި ކޮފީ ބޯ މީހެކެވެ. އެ އިންޓަވިއުގައި ޝާހު ވަނީ އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއިންބުއިމުގެ ކަންކަން ހުންނަ ގޮތް ވަރަށް ތަފުސީލުކޮށް ކިޔައިދީފަ އެވެ.
"އަހަރެން ދުވާލަކު 100 ސިނގިރޭޓް ބޮން. ރަނގަޅަށް ކާކަށް ހަނދާނެއް ނުހުރޭ. ފެނެއް ނުބޮން. 30 ތަށި ބްލެކް ކޯފީ ބޮން، އެވަރުން ވެސް ސިކްސް-ޕެކް ހުރޭ،" ޝާހު އެ އިންޓަވިއުގައި ބުނެފައިވެ އެވެ.
ޝާހު މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް އެކްޝަން ތުރިލާ ފިލްމު "ކިންގް" އަށެވެ. ޝާހުގެ ދަރިފުޅު ސުހާނާ ޚާން ވެސް މުހިންމު ރޯލެއް ކުޅޭ އެ ފިލްމު ޑައިރެކްޓްކުރަނީ ސުޖޯއި ގޯޝް އެވެ. އެ ފިލްމުގައި ވިލަންގެ ރޯލު ކުޅެނީ އަބިޝެކް ބައްޗަން އެވެ.