06 މާޗް 2017 - 06:09

"ފެންސެސް" ގައި ދައްކާފައިވާ މޮޅު ހުނަރާ އެކު، އޮސްކާގެ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑްގެ އިތުރުން ގިނަ އެވޯޑްތަކެއް އެ ރޯލުން މި އަހަރު ހާސިލްކޮށްފައިވާ ބަތަލާ ވަޔޯލާ ޑޭވިސް އަށް ހާވަޑް ފައުންޑޭޝަންގެ އާޓިސްޓް އޮފް ދި އިޔާގެ އެވޯޑް ލިބިއްޖެ އެވެ.
އޮސްކާގެ އިތުރުން ވަޔޯލާ "ފެންސެސް" ގައި ކުޅުނު ރޯލަށް ގޯލްޑެން ގްލޯބް، ކްރިޓިކްސް އެވޯޑް، ސްކްރީން ސްޓާޒް ގިލްޑް (ސެގް) ގެ އިތުރުން ބަފްޓާ ވެސް ވަނީ ލިބިފަ އެވެ.
ޓީވީ ސިލްސިލާ "ހައު ޓް ގެޓް އަވޭ ވިތު މާޑާ" ގައި ވެސް މުހިއްމު ރޯލެއް އަދާ ކުރަމުން އަންނަ 51 އަހަރުގެ ބަތަލާގެ ތިން ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ.
އެއީ ފެންސެސްގެ އިތުރުން ސްއިސައިޑް ސްކޮޑް އާއި ކަސްޓަޑީ އެވެ.
"ޑައުޓް" ފަދަ ފިލްމްތައް ކުޅެފައިވާ ވަޔޯލާގެ އިތުރުން މި އަހަރު ހާވާޑް ފައުންޑޭޝަންގެ އެވޯޑް ލިބުނު ފަންނާނުންގެ ތެރޭގައި އެކްޓަރު މެޓް ޑޭމަން، ބަތަލާ ސަލްމާ ހަޔެކް އަދި ލަވަ ކިޔުންތެރިޔާ ޝަކީރާ ވެސް ހިމެނެ އެވެ.