05 މާޗް 2017 - 13:44

މުޅި މާލެ އަށް ކަރަންޓު ދީފި

އެނގިފައިވާ ގޮތުގައި އެމްޑަބްލިޔުއެސްސީގެ ޓްރާންސްފޯމަރު ގޮވައިގެން، މުޅި މާލެއިން ކަރަންޓް ދިޔަ މައިގަނޑު ސަބަބަކީ އެ ޓްރާންސްފޯމަރަކީ ސްޓެލްކޯ އިން އެންމެ ހައި ވޯލްޓޭޖް ކަރަންޓް ދީފައި ހުރި ޓްރާންސްފޯމަރު ކަމަށް ވެފައި، އޭގެ ޓްރާންސްފޯމަރަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ އެހެން ޓްރާންސްފޯމަރުތައް ވެސް މައްސަލަ ޖެހި ސްޓެލްކޯގެ މެއިން ޕެނަލުން އިންޖީނުތައް ހުއްޓުވާލާތީ.

މާލޭގެ 70 ޕަސެންޓަށް ކަރަންޓް ދީފި. ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓުގެ މައްސަލަ މުޅިން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މާ ބޮޑު މައްސަލައެއް މި ވަގުތު ނެތް ކަމަށް.
އެނގިފައިވާ ގޮތުގައި މާލެ އަށް ކަރަންޓު ދެމުން އަންނަނީ އެމްޑަބްލިއެސްސީގެ ޓްރާންސްފޯމަރު ސްޓެލްކޯއާ ޑިސްކަނެކްޓްކޮށްލުމަށް ފަހު. އަދި މުޅި މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ އިން އަންނަނީ މަސައްކަތް ކުރަމުން.
އެމްޑަބްލިޔުއެސްސީން ބުނީ މިހާރު މުޅި މާލެއަށް ފެން ލިބޭނެ ކަމަށާއި އެކަމަކު ޕްރެޝަރުގައި ފެން ލިބެން އަދި ވަގުތު ނަގާނެ ކަމަށް. އެތަނުން ބުނީ ކަރަންޓު ލިބުމާ އެކު އަލުން ފެން ދޫކުރަން ފަށާފައިވާ ކަމަށް.
މާލޭގެ 40 ޕަސެންޓަށް ކަރަންޓް ދީފި. މިހާރު ބާޒާރުމަތީގެ ބައެއް ފިހާރަތަކަށާއި ވެލާނާގޭ ހުރި ސަރަހައްދުގެ ބައެއް ބައެއް ތަންތަނަށް ކަރަންޓް ލިބޭ.
ވަރަށް ގިނަ ފިހާރަތައް ވަނީ ބަންދުކޮށްފައި. އާންމުންގެ ގިނަ ބަޔަކު ވަރަށް ކަންބޮޑުވެގެން އުޅޭ މަންޒަރު ފެނޭ. މާލެ ވަނީ ދެ އަހަރު ކުރިން ހަފުތާއެއް ވަންދެން ފެން ނެތި، އޭގެ ހިތި ތަޖުރިބާ ކޮށްފައި. އެކަމަކު އެ ފަހަރު ކަރަންޓު ކެނޑިގެނެއް ނުދޭ.
ކަރަންޓް ކެނޑުނީ، ސްޓެލްކޯ އިން ބުނި ގޮތުގައި އެމްޑަބްލިޔުއެސްސީގެ ގޯތިތެރޭގައި ހުރި ޓްރާންސްފޯމަރުގެ އާތު ފޯލްޓެއް ދިމާވެގެން. އެއާ ގުޅިގެން ސްޓެލްކޯގައި ހުރި ހުރިހާ ޖަނަރޭޓަރުތަކެއް ނިވުނީ ކަމަށް ބުނި. އެކަމަކު، އެ މައްސަލަ ހައްލުކޮށް ކަރަންޓު އަލުން ދެވޭނެ އިރެއް ސްޓެލްކޯއިން ނުބުނޭ. އެހެން ނަމަވެސް ބުނީ، ކަރަންޓާ ބެހޭ މައުލޫމާތުތައް އާންމުންނާ ހިއްސާ ކުރަމުން ގެންދާނެ ކަމަށް.
ކަރަންޓާއި ފެނުގެ އިތުރުން އިންޓަނެޓާއި ފޯނުގެ ގުޅުމަށް ވެސް ވަނީ ބުރޫ އަރާފައި
އެމްޑަބްލިޔުއެސްސީގެ ގޮވާފައި ވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަނާއި އެމްޑަބްލިޔުއެސްސީ ހުންނަ ގޯޅިތެރޭގައި ހުރި ޓްރާންސްފޯމަރެއް. ބައެއް މީހުން ބުނީ ވަރަށް ބާރު އަޑެއް އިވުނު ކަމަށާއި ދުން ވެސް ދުށް ކަމަށް. އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީ އެއްވެސް ބަހެއް ނުލިބޭ. މިހާރުގެ ނޫސްވެރިން އެތަނަށް ދިޔައިރު، ފުލުހުންނާއި ސިފައިން ވެސް އެތާނގައި ތިބި.
މުޅި މާލެއިން ކަރަންޓާއި ފެން ކެނޑިއްޖެ އެވެ.
މާލެއިން ކަރަންޓާއި ފެން ކެނޑުނީ މިއަދު 1:30 ހާއިރު އެވެ. ފެން ކެނޑުނީ އެނގިފައިވާ ގޮތުގައި އެމްޑަބްލިޔުއެސްސީގައި ބޭނުން ކުރަނީ ސްޓެލްކޯގެ ކަރަންޓު ކަމަށް ވެފައި އެތަނުން ވެސް ކަރަންޓު ކެނޑުމުންނެވެ.
ސްޓެލްކޯއިން ބުނި ކަރަންޓު ކެނޑުނީ އެމްޑަބްލިޔުއެސްސީ ކައިރީގައި ހުރި ޓްރާންސްފޯމަރެެއްގެ މައްސަލަ ޖެހިގެންނެވެ. ބައެއް މީހުން ބުނި ގޮތުގައި ކަރަންޓު ކެނޑުނު ވަގުތު އެމްޑަބްލިޔުއެސްސީ ކައިރިން ވަރަށް ބާރު އަޑެއް އިވުނެވެ.
މި ދުވަސްކޮޅު ސްޓެލްކޯއިން އަންނަނީ 10 މެގަވޮޓްގެ ޖެނެރޭޓަރެއް އިންސްޓޯލް ކުރަމުންނެވެ. ނަމަވެސް ކަރަންޓު ދިޔުމާ މިކަމާ ގުޅުމެއް ހުރިކަމެއް ނޭނގެ އެވެ.
ކަރަންޓު ކެނޑުނު ވަގުތު މުއާސަލާތީ ހިދުމަތަށް ވެސް ވަނީ ބުރޫއަރައިފަ އެވެ. (ތަފުސީލު އަންނަނީ)