06 މާޗް 2017 - 06:08

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" އަކީ 2017 ވަނަ އަހަރު ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާނެ އެއް ފިލްމެވެ. ރަންވީރު ސިންގާއި ޝާހިދު ކަޕޫރު އަދި ދީޕިކާ ޕަދުކޯން މުހިއްމު ރޯލުތައް އަދާކުރާ މި ފިލްމު ފެށުނީއްސުރެ އަބަދުވެސް ކޮންމެވެސް މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ.
ރާޖަސްތާނުގައި ކުރިޔަށް ގެންދިޔަ މި ފިލްމުގެ މުހިންމު ޝޫޓިންތަކެއް މެދުކަނޑާލަން ޖެހިފައިވަނީ ވަތަނީ ފިކުރުގެ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކުޑައިރެކްޓަރަށް ހަމަލަދީ ފިލްމު ސެޓަށާއި ތަކެއްޗަށް ގެއްލުން ދިނުމާ ގުޅިގެންނެވެ. މި މައްސަލަ ދިމާވުމުން ޑައިރެކްޓަރު އެ ރަށުން ފުރައިގެން މުމްބައި އަށް ދިޔައީ ދެން އެނބުރި ރާޖަސްތާނަށް ނުދާނެކަމަށް ބުނެފަ އެވެ. އެކަމަކު ފަހުން އެ ސްޓޭޓްގައި ފިލްމު ޝޫޓް ކުރުމަށާއި ގެއްލުމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ނަމަވެސް ފިލްމުގެ ޝޫޓިން ރާޖަސްތާނުގައި ކުރިޔަށް ގެންދިއުމާ މެދު ޕްރޮޑިއުސަރުން އަދިވެސް ވަކި ގޮތެއް ނުނިންމަ އެވެ. އެމީހުން ބުނަނީ ތަންކޮޅެއް ފަހުން ރާޖަސްތާނަށް ބައެއް މަންޒަރުތައް ނަގަން ފަހަރެއްގައި ދިޔަ ނަމަވެސް މިވަގުތު މުމްބާއީގައި ޝޫޓިން ކުރިޔަށް ގެންދަން ގަސްތުކުރާ ކަމަށެވެ. ސަބަބަކީ ފިލްމުގެ ތަރިންނާއި ކުރޫންގެ ސަލާމަތަށް ރާޖަސްތާނުގެ ސްޓޭޓް ސަރުކާރުގެ އެހީތެރިކަން ދޭނެކަމަށް އަދިވެސް އަންގާފައި ނުވާތީ އެވެ.
މި މައްސަލަތައް މިގޮތަށް ހުރުމާ އެކު އަދިވެސް ފިލްމުގެ ޝޫޓިން އޮތީ ހުއްޓިފަ އެވެ. ރަންވީރާއި ދީޕިކާ ވެސް މި ލިބުނު ޗުއްޓީގެ ބޭނުން ރަނގަޅަށް ހިފުމުގެ ގޮތުން އެކި ގައުމުތަކަށް ޗުއްޓީ ހަދާލުމަށް ކުރާ ދަތުރުތަކެއް ވަނީ ފަށާފަ އެވެ. ރަންވީރު ސްވިޓްޒަލެންޑްގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ދީޕިކާ ޗުއްޓީ ހޭދަކުރަނީ ނިއު ޔޯކްގަ އެވެ.