06 މާޗް 2017 - 15:33

ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ، އިބްރާހިމް ވަހީދު (އަސްވާޑު)ގެ އަތުން 1.1 މިލިއަން ރުފިޔާ ހޯދަން، ޓެކްނޯ މީޑީއާ ޕްރައިވެޓް ލިމިޓެޑާއި ހުސައިން އާދިލްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
މިއީ، ސެވަން މީޑިއާ ޕްރައިވެޓް ލިމިޓެޑްގެ ޓީވީ ޗެނަލާއި އެ ކުންފުނީގެ ޝެއާ ގަތުމަށް، ޓެކްނޯ މީޑިއާ އާއި ވ. އައްސޭރި ވާދީ ހުސައިން އާދިލް އަދި ދިވެހި މީޑިއާ ޕްރައިވެޓް ލިމިޓެޑާއި އިބްރާހީމް ވަހީދު (އަސްވާޑް)އާ ދެމެދު، މާޗް 1، 2015 ގައި ސޮއި ކޮށްފައިވާ އެގްރީމެންޓްގެ ދަށުން، އަސްވާޑު ދައްކަން ޖެހޭ 1.1 މިލިއަން ރުފިޔާ ކަމަށް އެ ދައުވާގައި ވެ އެވެ.
ސެވަން މީޑިއާގެ ޓީވީ ޗެނަލާއި އެ ކުންފުނީގެ ޝެއާ ގަތުމަށް، މި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ވާ ގޮތުން، ދިވެހި މީޑިއާ ޕްރަައިވެޓް ލިމިޓެޑްގެ ފަރާތުން ގެރެންޓީ ދޭ ފަރާތަކީ އަސްވާޑެވެ.
މި އެއްބަސްވުމުގެ ދަށުން ޓެކްނޯ މީޑިއާ އަށާއި ހުސައިން އާދިލަށް އަސްވާޑު ދައްކަން ޖެހެނީ 250،000ރ. އެވެ. ނަމަވެސް އެއްބަސްވުމުގައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން، ޖޫރިމަނާގެ ގޮތުގައި 840،234.83ރ. އަރާފައިވެ އެވެ. އަދި އެ ޓީވީ ޗެނަލްގެ އެސްއެމްއެސް ޕޯޓަލް އަށް ދައްކަން ޖެހޭ 62،969.40ރ. ގެ އިތުރުން، ފަހުން ފައިސާ ދޭ ގޮތަށް ނަގާފައިވާ އެއާ ކޮންޑިޝަނަށް އަރާ 10،000ރ. ހިމެނެ އެވެ. މި ހުރިހާ ފައިސާގެ އެކު ޖުމްލައަކީ 1،163،204.23ރ. އެވެ.
ދައުވާ ހުށަހެޅި ފޯމުގައި ބުނެފައިވާ ގޮތުގައި މި މައްސަލަ ސުލްހަވެރިކަމާ އެކު ހައްލުކުރުމަށް މަސައްކަތް ކުރެވުނެވެ. ނަމަވެސް އަސްވާޑުގެ ފަރާތުން އެކަށީގެންވާ ވަރަށް މި ކަމުގައި އެއްބާރުލުން ނުލިބޭ ކަމަށް ދައުވާ ހުށައަޅާ ފަރާތުން ބުނެފައިވެ އެވެ.